ޚަބަރު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ދައުވާކޮށްފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ލިޔެކިޔުންތައް މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އަލީ ވަޙީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް ވަނީ އުފުލާފައެވެ. ޕީޖީ އޮފީހުން ވިދާޅުވީ، ހދ. ކުޅުދުއްފުށި، ބަނދަރު، ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުރިއިރު، ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރުމަށް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.