ޚަބަރު

ނޭކުރެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ހދ. ނޭކުރެންދޫން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 19 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އެދުވަހު، ނޭކުރެންދޫއަށް ގޮސް ހޯމް ކަރަންޓީނުގައި ހުއްޓައި ކަމަށް ޢަލީ ވިދާޅުވިއެވެ.

އަލީ އާދަމް ވިދާލުވިގޮތުގައި އެމީހާ އެރަށަށް އައީ މާލެއިން ކޯވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައެވެ. އަދި އެރަށަށް ހޯމް ކަރަންޓީނަށް އަންނަ މީހުން ގޭގެއަށް ގެންދަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން، ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން އެފަދަ މީހުންނާއި އެހެން މީހަކު ޑައިރެކްޓް ކޮންޓެކްޓް ވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެއެވެ. އަދި މިހާރު ޕޮޒިޓިވްކަން އެނގުނު މީހާގެ ވެސް އިތުރު ޑައިރެކްޓް ކޮންޓެކްޓެއް އެރަށުގައި ނެތެވެ.

ހުސްވި އޮކްޓޯބަރު 25 ވަނަ ދުވަހުވެސް އެރަށުން ވަނީ ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. އެފަހަރު ޕޮޒިޓިވްވީ އޮކްޓޯބަރު 9 ވަނަ ދުވަހު މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އެމީހާ މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ.

އެޗް ޕީ އޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހދ ނޭކުރަންދޫގެ އިތުރުން ހދ ކުމުންދޫ އާއި ކުޅުދުއްފުށީ ގައިވެސް ޕޮޒިޓިވް މީހުން އެބަތިއްބެވެ.

އިއްޔެ ރާއްޖެއިން 94 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖޭއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،546 އަށް އަރާފަ އެވެ. އޭގެތެރެއިން މިހާތަނަށް 11،497 މީހުން ވަނީ ރަނގަޅު ވެފައެވެ.