ރިޕޯޓް

އުމުރުން ދުވަސްވީ މީހުންގެ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުން


ދިވެހިރާއްޖެ ފަދަ އާބާދީގެ ގޮތުން ކުޑަ ޤައުމެއްގައި އުމުރުން 65 އަހަރުން މަތީގެ އާބާދީ އިތުރުވަމުންދާ މިންވަރަކީ، ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި، އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތަކާއި، ދިމާވާ މައްސަލަތަކަށް މިހާރުން މިހާރަށް ފިވަޅު ނާޅާފިނަމަ، މިއީ ކަންބޮޑުވުން އިތުރުވެގެންދާނެ ކަމެއްކަމުގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގެވުމާއި ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ.ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ، ތަފާސް ހިސާބުތައް ދައްކާގޮތުން ދިވެހިރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށާއި، އިތުރުވާ އާބާދީއަށް ބަލާއިރު އުމުރުން 65 އަހަރުން މަތީގެ އާބާދީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި 35000 އާއި ކާރި ކުރާނެކަމަށް ލަފާކުރެވިފައިވާކަމަށެވެ. މި އަދަދަކީ ރާއްޖެފަދަ އާބާދީގެ ގޮތުން ކުޑަ ޤައުމަކަށް ނިސްބަތުން ބޮޑު އަދަދެއްކަމަށާއި، އުމުރުން 65 އަހަރުން މަތީގެ އާބާދީއަށް ބޭނުންވާ ޚިދުމަތްތަކާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް މިހާރުން މިހާރަށް ފިވަޅު ނާޅާފިނަމަ، މިއީ ކަންބޮޑުވުން އިތުރުވެގެން ދާނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށްވެސް ދިމާވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތަކަށް ފޯރުކޮށްދޭ ޙިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. "އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މިސަރުކާރު ހަވާލުވި ހިސާބުން ފެށިގެންވެސް އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމުގެ ގޮތުން އެފަރާތްތަކަށް ލިބެމުން ދިޔަ އިނާޔަތްވަނީ 5000 ރުފިޔާއަށް ބޮޑުކުރެވިފައި. އަދި މިއަދު ދަޢުލަތުގެ ބަޖެޓުން ކޮންމެ މަހަކު 83 މިލިޔަނެއްހާ ރުފިޔާއާއި ގާތްކުރާ އަދަދަކަށްދަނީ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މާލީ އެހީތެރިކަމެއްގެ ގޮތުން މިއިނާޔަތް ފޯރުކޮށްދެވެމުންކަން ފާހަގަ ކުރަން" ބަންޑާރަ ނައިބު ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ.ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "އުމުރުން ދުވަސްވީމީހުނަށް އުފާވެރި ދިރިއުޅެމެއް ހޯދައިދޭނަން" މިވަޢުދު ތަންފީޒުކުރުމަށްޓަކާ ޢުމުރުން ދުވަސްވީ މީހުންނާއިބެހޭ ސިޔާސަތެއް އެކުލަވާލެވިފައިވާކަމަށެވެ. އަދި މިސިޔާސަތު ތަންފީޒުކުރެވެން ފެށުމުން މިއަދުގެ އިސްރަށްވެހިންނަށް ފޯރުކޮށްދެންޖެހޭ ޙިދުމަތް ފޯރުކޮށްދިނުމުގަ އާއި އެފަރާތްތަކާއިމެދު ހިންގާ އިންސާނިއްޔަތާއި ހިލާފް އަމަލުތައް ހުއްޓުވުމާއި، ލިބިދޭންޖެހޭ އޯގާތެރިކަމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިކަމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވެގެން ދާނެކަމަށެވެ."ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އުމުރުން 65 އަހަރުން މަތީގެ ދާންމަތިވެފައިވާ ފަރާތްތަކުގެ ގާތަށް ޞިއްޙީއެހީތެރިންނާއި، ޑޮކްޓަރުން ފޮނުވާ، އެފަރާތްތަކަށް ގޭގައި ތިއްބާ ފަރުވާ ކުރެވޭނެ ޕްރޮގްރާމެއް 2014 އަހަރުވަނީ ފަށާފައި. މިޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއިއެކު މިހާރުދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެރަށެއްގައި ހުންނަ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ އެހީތެރިކަމާއިއެކު އެޚިދުމަތައް އެދޭ ފަރާތްތަކަށް މިޚިދުމަތް ފޯރުކޮށްދެމުން. އެގޮތުން މިދިޔަ އަހަރު މިފެށުނު ޕްރޮގްރާމްގެ ތެރެއިން މުޅި ރާއްޖެއިން މި ޚިދުމަތައް އެދިފައިވާ 471 ބަލިމީހެއްގެ ގާތަށް ޑޮކްޓަރުންދަނީ މިހާރުވެސް ޒިޔާރަތް ކުރަމުންކަމުގައި އަޅުގަނޑު އުފަލާއިއެކު ފާހަގަ ކުރަން"  ބަންޑާރަ ނައިބު ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ.ރާއްޖޭގެ އާބާދީގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް މިހާރު ހުރީ %4.3 ގައެވެ. އަދި ހަމަ މިއާއިއެކު އުމުރުން 55 އަހަރާއި 64 އަހަރާއި ދެމެދުގެ އާބާދީގެ ނިސްބަތް %4.8 އަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.މިއަދުގެ މުޖުތަމަޢުގެ އާދަކާދަ ބައްޓަންވަމުން އަންނަ ގޮތަށް ބަލާއިރު މިއަދުގެ އިސްރަށްވެހިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، އަޅާލުމާއި، އެހީތަރިކަން އާއިލާގެ ތެރެއިން އެންމެ އެކަށޭނެ ގޮތުގައި ފޯރުކޮށް ދިނުމަށްވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ބަންޑާރަ ނައިބު ދެއްވި ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް ފަރުދީ ފެންވަރުގައާއި، އާއިލާއާއި، މުޖުތަމަޢުގެ ފެންވަރުގައި ވިސްނާ ކޮންމެ ފަރުދަކީވެސް މިއަދުގެ އިސްރައްވެހިންނަށް އަޅާލާ، އޯގާތެރި އަދި ލުއިފަސޭހަކަމާއި އެކު ދިރިއުޅެވޭނެ ވެއްޓެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގައި އެފަރާތެއްގެ ބައިވެރިވުން ދެމުންދާ ފަރާތަކަށް ވުމަށްވެސް އެމަނިކުފާނު ގޮވާލެއްވެވިއެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ތަރައްޤީވެފައިވާ ވެށީގައި ދެމެހެއްޓެނިވި ގޮތުގައި ހުރިހާ އުމުރުފުރައެއްގެ ބައިވެރިވުން" މި ޝިޢާރެވެ.