ދުނިޔޭގެ ވިޔަފާރި

އެއަރލައިންތައް އިނދަނުޖެހި ކުރިއަށް ދިއުމަށް އިތުރު 80 ބިލިއަން ޑޮލަރު ބޭނުންވޭ: އަޔާޓާ

އެއަރލައިންތައް އިނދަނުޖެހި ކުރިއަށް ދިއުމަށްޓަކައި އިތުރު 80 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ބުނެފިއެވެ.

ކޯވިޑް-19ގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ގިނަ ސިނާއަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސިނާއަތަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތެވެ. ބަލި ކޮންޓްރޯލްކުރުމަށް ޤައުުމުތަކުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމާއި ގުޅިގެން މި ދާއިރާއަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވެ، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެއަރލައިންތައް ދަނީ ބަނގުރޫޓުވަމުންނެވެ. މި ދަތިކަމުން އަރައިގަތުމަށްޓަކައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް ވަނީ އެއަރލައިންތަކަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް އައިރު ދުނިޔޭގެ އެކި އެއަރލައިންތަކަށް ޖުމުލަ 160 ބިލިއަން ޑޮލަރުގެ އެހީ ވެފައިވާކަމަށް އަޔާޓާއިން ހާމަކުރެއެވެ.

ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ އެސޯސިއޭޝަން އަޔާޓާއިން ބުނީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް، ވައިގެ ދަތުރުފަތުރު އެކުގައި ހުއްޓާލުމަށްފަހު، މިހާރު މަޑުމަޑުން ފަށާފައިވީނަމަވެސް މި މަސައްކަތް އެންމެ އެކަށޭނަގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދިވެސް އެހީ ބޭނުންވާކަމަށެވެ. މި ބަލިމަޑުކަމުން އަރައިގަތުމުގައި އަދިވެސް ކާމިޔާބުވެފައި ނުވާއިރު، މިހާލަތު ދެމިގެންދާވަރަކަށް އެހީ ބޭނުންވާ މިންވަރު އިތުރުވާނެކަން އަޔާޓާއިން ފާހަގަކުރެއެވެ.

މިކަމާއި ގުޅޭގޮތުން ފްރެންޗް ޑެއިލީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަޔާޓާގެ ވެރިޔާ އެލެކްސެންޑްރޭ ޑެ ޖުނިއަކް ވަނީ މިހާރުގެ ޙާލަތައް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އެއަރލައިނެއް ބަނގުރޫޓުވުމާއި ގާތްވެފައިވާކަމަށެވެ. ކޯވިޑްގެ އިތުރު ރާޅުތަކެއް ފާޅުވެ އަލުން އަނބުރާ ފުރަބަންދަށް ޤައުމުތައް ދިއުމަކީ މިފަދަ އެއަރލައިންތަކަށް ވަރަށް ހިތާމަވެރި ޚަބަރެއްކަމަށް ސިފަކުރައްވާ ޖުއަނިކް ވަނީ މިފަދަ އެއަރލައިންތަކަށް އެހީވުމަށް ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން އިތުރު ލޯނުތަކާއި، އެހީތައް ވެދިނުމަށް ގޮވާލައްވާފައެވެ.

ޖުއަނިކްވަނީ ކުރިން މިދާއިރާއަށް ގެއްލުންވާނެކަމަށް ލަފާކުރި 87 ބިލިއަން ޑޮލަރުގެ އަންދާޒާއާއި އަޅާބަލާއިރު، މިހާރު މިގެއްލުން 100 ބިލިއަންއަށް އަރާނެކަމަށް ވިދާޅުވެފައެވެ. މި ސަބަބައްޓަކައި އެއަރލައިންތައް އިނދަނުޖެހި ކުރިއަށް ދިއުމަށް އިތުރު 80 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އަޔާޓާގެ ވެރިޔާ އެލެކްސެންޑްރޭ ޑެ ޖުނިއަކް މިހެން ވިދާޅުވެފައިމިވަނީ އެ އިދާރާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރާ 290 އެއަރލައިނާއެކު ވާޗުއަލްކޮށް ބައްދަލުކުރުމަށް ފަހުގައެވެ.

އެއަރލައިންތައް އިނދަނުޖެހި ކުރިއަށް ދިއުމަށްޓަކައި އިތުރު 80 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އަޔާޓާއިން ބުނެފައިވާއިރު، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު އާއްމު ހާލަތަށް ރުޖޫއަވާނެކަމަށް ކުރިން ލަފާކުރި 2023 މިހާރު 2024އަށް ލަސްވުމަކީ ގާތްކަމެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.