ދުނިޔެ

ޓްރަންޕުގެ ދޮށީ ދަރިކަލުންނަށް ކޯވިޑް-19 ޖެހިއްޖެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަންޕު ޖޫނިއާއަށް ކޯވިޑް-19 ޖެހިއްޖެއެވެ. އޭނާއަށް ކޯވިޑް ޖެހިފައިވާކަން އޭނާގެ ތަރުޖަމާނުވަނީ ކަށަވަރުކޮށްދީފައެވެ.

ތަރުޖަމާނު ވިދާޅުވީ ޑޮނާލްޑް ޓްރަންޕު ޖޫނިއާއަށް ކޯވިޑް ޖެހިފައިވަނީ މި ހަފުތާގެ ކުރީކޮޅުގައިކަމަށާއި ތަހުލީލުގެ ނަތީޖާ ލިބުނީއްސުރެ އޭނާ ހުންނެވީ އެކަހެރިވެވަޑައިގެންކަމަށެވެ. މިހާތަނަށް ބަލީގެ އެއްވެސް ޢަލާމާތެއް ޑޮނަލްޑް ޓްރަންޕު ޖޫނިއާގެ ކިބައިން ފެނިފައިނުވާކަމަށާއި ކޯވިޑާއި ގުޅޭ ޞިއްޙީ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރައްވަމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ޓްރަންޕާއި އަނބިކަނބަލުން މިލޭނިއާ ޓްރަންޕުގެ އިތުރުން ހަގު ދަރިކަލުން ބޭރޯން ޓްރަންޕަށްވަނީ ކޯވިޑް ޖެހިފައެވެ. ރައީސް ޓްރަންޕުގެ އަރިސް ބޭފުޅުންގެ ތެރެއިން ޗީފް އޮފް ސްޓާފް، މާކް މެޑޯސްއާއި ރިޔާސީ އިދާރާ ވައިޓް ހައުސް އަދި ރައީސް ޓްރަންޕުގެ ކެންޕެއިނުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ އަރިސް ބޭފުޅުންނަށްވަނީ ކޯވިޑް ޖެހިފައެވެ.

ރައީސް ޓްރަންޕާއި އެއްގޮތަށް އޭނާގެ ދަރިކަލުން، ޑޮނަލްޑް ޓްރަންޕު ޖޫނިއާވެސް ފާހަގަވެފައިވަނީ ކޯވިޑާއި ގުޅޭގޮތުން ސައްޚަ ނޫން މަޢުލޫމާތު ފަތުރުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ކޯވިޑްގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ އެމެރިކާގައި މިދިޔަ މަހުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ބަލިޖެހި، 228،000އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް މަރުވެފައިވާ މީހުންގެ ޢަދަދަކީ 'އެއްވެސް އެއްޗެއް' ނޫންކަމަށް ދޭހަވާފަދަ މޭރުމަކުން އޭނާވަނީ ވާހަކަދައްކަވާފައެވެ.

މިދިޔަ ހޫނު މޫސުމުގެ ތެރޭގައި ހައިޑްރޮކްސީކްލޮރިކީން ކިޔާ ބޭހަކާއި ގުޅޭގޮތުން ސައްޚަނޫން މަޢުލޫމާތު ޓްވިޓާ މެދުވެރިކޮށް ފެތުރުމުން ޓްވިޓާއިންވަނީ އޭނާގެ އެކައުންޓާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އޭގެ އިތުރުން މާސްކު ބޭނުންކުރުމުން ކޯވިޑުން ރައްކާތެރިކޮށްދޭކަމާއި މެދު ސުވާލު އުފެދޭ ފަދަ ޕޯސްޓެއް ފޭސްބުކުގައިވެސް އޭނާވަނީ ޙިއްޞާކުރައްވާފައެވެ.

އެމެރިކާގައި މިހާތަނަށް 12.2 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 260،283 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 201،083 މީހުންނަށް ބަލިޖެހި 1،951 މީހުންވަނީ މަރުވެފައެވެ.