ރިޕޯޓް

ރާއްޖޭގެ 70 ވުރެ ގިނަ ސަރަހައްދެއް ވަނީ ޙިމާޔަތްކޮށްފައި


ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކޮށް ތަރައްޤީގެ މަޝްރޫތަށް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރި ކުރުމަކީ ރައީސް އިބްރަހިމް މުހައްމަދު ޞާލިހްގެ ވައުދުފުޅެކެވެ.

ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ބޮޑުތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުހިމެނޭހެން) 14 ސަރަޙައްދެއްވަނީ ހިމާޔަށް ކޮށްފައެވެ. މި ސަރަޙައްދުތަކުގެ ޖުމްލަ ބޮޑުމިނަކީ 8854.38 ހެކްޓަރެވެ. ބޮޑުތިލަދުން މަތިން ހިމާޔަތްކުރެވުނު ސަރަޙައްދުތަކުގެ ތެރޭގައި ހދ ކޭލަކުނާއި، އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި، ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދު ހިމެނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަޙައްދަކާއި އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް ހިމެނޭހެން ޖުމްލަ 24 ސަރަޙައްދެއް މި ވެރިކަމުގެ ތެރޭގައި ވަނީ އަލަށް ހިމާޔަށް ކޮށްފައެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން މިހާތަނަށް 71 ސަރަހައްދެއް ހިމާޔަތްކޮށްފައި ވާއިރު މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ފަސް އަތޮޅަކުން ނުވަ ރަށް، ހަ އަތޮޅަކުން 13 ފަރު، އަދި ފަސް އަތޮޅަކުން އަށް ކަނޑޫފާ 2018ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވަނީ ހިމާޔަތްކުރެވިފައެވެ. 1995އަހަރުން ފެށިގެން 2018 ގެ ނިޔަލަށް ފާއިތުވި 23 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވަނީ 47 ސަރަޙައްދެވެ.

މި އަހަރުގެ ތެރޭގައި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، އެ ވުޒާރާއާ އެކުގައި މަސައްކަތްކޮށްފައިވާ އެތަކެއް މަދަނީ ޖަމިއްޔާތަކެއްގެ އެހީތެރިކަމާއެކު، 28 އޮކްޓޫބަރ 2020ވަނަ ދުވަހު ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވް އެއްގެ ގޮތުގައި ކަނޑައަޅާފައިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާވްގެ ލަޤަބު ލިބުމާއި ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެސްގައި މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ހަސަން ވިދާޅުވީ މިލަގަބު އެދެސިޓީއަށް ލިބިގެން ދިޔައީ ދެސިޓީގެ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިއީ 10 އަހަރު ދުވަހުގެ މުއްދަތައް ލިބިފައިވާ ލަގަބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެހެންކަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، އެންޑޯސްމަންޓް ހޯދައި ހަދަންޖެހޭ ހުރިހާ ސާވޭތަކެއް ހަދާ ކެބިނެޓްގެ ލަފާ ހޯދައި ޕްރޮޕޯސަލް ތައްޔާރުކޮށް ޔުނެސްކޯ އަށް ހުށައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައެވެ.

ރާއްޖޭގައި މީގެ ކުރިން ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބިފައި އޮންނަނީ ހަމައެކަނީ ބ. އަތޮޅަށެވެ. ބ.އަތޮޅަށް މިލަގަބު ލިބުނީ 2011 ވަނަ އަހަރުއެވެ. މިއަހަރު އައްޑޫ އަދި ފުވައްމުލަކަށް މިލަގަބު ލިބުމާގުޅިގެން މިހާރު ދިވެހިރާއްޖޭގައި ޖުމްލަ 3 އަތޮޅަކަށް މިވަނީ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިފައެވެ..

ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ދެމެހެއްޓެނިވި ތަރައްގީ އާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ލަޤަބެކެވެ. އެގޮތުން ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ދެވެނީ އެތަނެއްގެ ދެމެހެއްޓެނިވި ތަރައްޤީ އާއި، އާދަކާދަ އާއި ސަޤާފީ އަދި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފަރާއި، ފަޅުގެ ދިރުންތަކާއި ސައިންސާއި، ތައުލީމާއި ފަންނީ ހުނަރުތަކަށްވެސް ބެލުމަށްފަހުގައެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭ ބާރުވެރިކުރުވުމުގެ ގޮތުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ހެދުމުގެ ޒިންމާތައް، ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް، 20 ޑިސެމްބަރ 2018 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. އަދި ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދަށް އިސްލާހުގެނެސް، ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ސަރަހައްދުގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރުމުގެ ކުރިން ހަދައި ފާސްކުރަންޖެހޭ އީ.އައި.އޭ ފާސްކުރުމުގެ ބާރު 27 ޑިސެމްބަރ 2018 ވަނަ ދުވަހު އަލުން ވަނީ އީ.ޕީ.އޭއަށް ދީފައެވެ

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު” ގެ ދަށުން އެފަދަ ދޫނި ހިފައި ގޯނާކުރުމަކީ މަނާކަމެކެވެ.

އީޕީއޭއިން ވިދާޅުވެފައި ވަނީ ހިމާޔަތް ކޮށްފައިވާ ދޫނި ހިފައި، ހައްޔަރުކޮށް،އެއަށް ގޯނާކުރާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ “ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު” ގެ ދަށުންނާއި “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާއިބެހޭ ގަވާއިދު” ގެ ދަށުން އެކަންކުރާ ބަޔަކު ޖޫރިމަނާ ކުރައްވާނެ ކަމަށެވެ.


ތިމާވެށި ރައްކާތެރިކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 1,850.4 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެތެރޭގައި ހިމެނެނީ ރައްކާތެރި ގޮތެއްގައި ކުނި ބެލެހެއްޓުމާއި، ރަށްރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، މިނޫނަސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ޚަރަދުތަކެވެ. މިބައިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރެވޭ ޚަރަދުތަކަށެވެ. މިކަމަށް 1,149.0 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.