ރިޕޯޓް

ސަރުކާރުގެ ޒީރޯ ޕްލާސްޓިކް އަމާޒަށް ވާސިލްވުމަށް ފަރުދީ ޒިންމާ އަދާކުރަމާ!


އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެހެދުމަކީ މިސަރުކާރުގެ ވަރަށްބޮޑު އަމާޒެކެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އެތެރެކުރުން ގާނޫނަކުންވަނީ މަނާކޮށްފައެވެ.

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކޮއްދެއްވާފައިވަނީ މިއަހަރުހެ ޖުލައިމަހުގެ 23 ވަނަދުވަހުއެވެ. މިބިލުގައިވާގޮތުން ، މި އަހަރުގެ ތެރޭގައި އިމްޕޯޓް ކުރާ ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގާނެ އެވެ.

އަދި ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅިއާއި ތަށި ފަދަ ތަކެތިން 200 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ. ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކެއްގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަ ގޮތަށް ހުށަހަޅާފައިވާ އެ ބިލުގައި ބުނަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ އެފަދަ ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އެތެރެ ކުރުން މުޅިން އެއްކޮށް މަނާ ކުރެވޭނެ ކަމަށެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 74ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާލޭ ފޮރ ދަ އޯޝަންސް އާއި ދިވެހިރާއްޖެ އާއި ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރުގެ އަމާޒަކީ 2023ވަނަ އަހަރުގެ ނިޔަލަށް ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައި ޕްލާސްޓިކް ނެތް ކަނޑުތަކެއް ޤާއިމް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މިފަދަ އަމާޒަކާއިއެކު ސަރުކާރުން މިކަމަށް ބުރަމަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު އަޅުގަނޑުމެން އާންމުންގެ ޒިންމާ މިކަމުގައިވަރަށް ބޮޑެވެ. އެގޮތުން އަޅުގަނޑުމެން ކޮންމެ ދުވަހަކު އެތަށް ފަހަރަކު ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެން ބޭނުންކުރާ ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަތަކެތި ރަށުގެ އެތަން މިތަނަށް އުކާލާ މުޅިތަން ހަޑިކުރުމުގެ ބަދަލުގައި އެފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް މަސައްކަތްކުރަންޖެހެއެވެ.

ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތް ރަށްރަށުގައިވެސް ކުނި އުކާލުމަށް ނުވަތަ ޖަމާކުރުމަށް ހާއްޞަކުރެވިފައިވާތަނަށް އެތަކެތި އުކާލުމަކީ ފަރުދީ ޒިންމާ އަދާކުރުމަށް އަޅުގަނޑުމެނަށް ކުރެވިދާނެކަމެކެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހު ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައް،މަދު ޞާލިހް ރާއްޖޭގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ދިވެހި ރާއްޖެއަކީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުން ނުކުރާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި . 2023 ވަނަ އަހަރާ ހަމަޔަށް މި އަމާޒަށް ވާސިލް ވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއަމާޒަށް ވާސިލްވުމަށްޓަކައި އެންމެހައި ބޭފުޅުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕްލާސްޓިކަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންގެ ތިމާވެއްޓަށާއި ހަށިގަނޑަށް ލިބޭ އެއްޗަކަށްވާއިރު އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާ ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން ފަރުދީ ޒިންމާ އަދާކުރަމާ ހިނގާށެވެ.