އިތުރު 29 ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 12,384 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ބުދަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 24 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 5 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.
އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 29 މީހުންގެ ތެރެއިން 19 މީހުންނަކީ، ދިވެހިންނެވެ. އަނެއް 10 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12,384 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،406އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 37 ދިވެހިންނާއި، 8 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 45 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވީނަމަވެސް މިހާރު ވަނީ އަނެއްކާވެސް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައެވެ. އެގޮތުން ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 926އެވެ. އަދި 351 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. ކޯވިޑް-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވާން ފަށާފައިވާއިރު މިހާރު އެޑްމިޓްކޮށްގެން 72 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1360 ސާމްޕަލެއް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 15 ރަށަކުންނާއި، 29 ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 3 ދިވެހިންނަށާއި، 12 ބިދޭސީންނަށް ކޯވިޑުޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައި ވެއެވެ. އަދި ރިސޯޓުތަކުން 48 ފަތުރުވެރިއަކާއި، 90 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބި ކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.