ޚަބަރު

ސަރުކާރުގެ ރަސްމީގަޑި ހެނދުނު 8 އިން މެންދުރު 2 ބަދަލުކުރަނީ


ސިވިލް ސާވިސްގެ މަސައްކަތުގަޑި ހެދުނު 8:00 އިން މެންދުރުފަހު 02:00 އަށް ބަދަލުކުރުމަށް ކެބިނެޓުން ނިންމަވައިފިއެވެ.މި ބަދަލު ގެންނަވަން ނިންމެވި ނަމަވެސް ވަޒީފާއާއިބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވަގުތުގެ ގޮތުގައި ލިބިދޭ 30 މިނެޓަށް އެެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޕީއެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިވިލްސާވިސްގެ ގަޑި މިހާރު އޮތް ވަރަށްވުރެ ކުޑަކުރުމަށް ކެބިނެޓްގައި މަޝްވަރާކުރެވުނީ ރާއްޖޭގައި އިޖްތިމާއީ ހަމަޖެހުން ބޮޑުކުރުމަށް ވަޒީފާއަށްދާ މައިންބަފައިންނަށް އާއިލާއާއެކު ގިނަ ވަގުތުހޭދަކުރުމުގެ ފުރުސަތު ބޮޑުކުރުމަށާއި އިލްމީ، ހުނަރުވެރި އަދި މަސައްކަތްތެރި ޒުވާނުން ސަރުކާރުގައި މަސައްކަތްކުރުމަށް ހިއްވަރު ދިނުމުގެ ގޮތުންކަމަށެވެ.އެމަނިކުފާނު ވިދާޅުވީ ހުނަރުވެރި، މަސައްކަތްތެރި ޒުވާނުން ސިވިލް ސާވިސްގެ މުސާރަތައް ހުރިގޮތުން ސިވިލް ސާވިސްއަށްވުރެ ބޮޑަށް ޕްރައިވެޓް ސެކްޓަރަށް ދާތީ ސިވިލް ސާވިސްގެ ޚިދުމަތްތައް ތަރައްގީކުރެއްވުމަށް ބޭނުންފުޅުވާ ސްޕީޑްގައި ޚިދުމަތްދިނުމުގައި ދަތިތައް ހުންނަކަމަށެވެ.އެހެންނަމަވެސް މިހާރު ގަޑިއަށް ބަދަލުގެންނަވަން ނިންމެވިގޮތުން ސިވިލް ސާވިސްގައި މަސައްކަތްކުރުމަށްފަހު ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރުމަށް ފުރަސު ލިބިގެންދާނެތީ އެފަދަ ޒުވާނުންނަށް ސިވިލް ސާވިސްއަށް ޚިދުމަތްކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީފާ އަދާކުރަމުން އިތުރަށް ކިޔެވުމުގެ ފުރުސަތު ބޮޑުކުރުމަކީވެސް ކެބިނެޓުން މަޝްވަރާކުރުމުގައި ބެއްލެވިކަމެއްކަމަށްވެސް މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.