ޚަބަރު

ކުޑަކުދިންގެ ހުނަރު ދައްކާލުމުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް


ކުޑަކުދިންގެ ހުނަރު ދައްކާލުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އޮންލައިން މުބާރާތް "ލިޓްލް ބަޑީ ޓެލެންޓްސް"ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފިއެވެ.

މި މުބާރާތަކީ އަމިއްލަ ޤައުމުގައި ތިބެގެން، ކުދިންގެ ހުނަރު ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ދިނުމަށް ބާއްވާ މުބާރާތެކެވެ. 4 އުމުރުފުރައަކަށް ބާއްވާ މިމުބާރާތުގައި ބައިވެރިވެވެނީ އުމުރުން 2އަހަރާއި ބައިން ފެށިގެން އުމުރުން 18 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

"ލިޓްލް ބަޑީ ޓެލެންޓްސް"ގައި އުމުރު ފުރާތައް ބަހާލާފައިވަނީ 2އަހަރާއި ބަޔާއި 5އަހަރާއި ދެމެދުގެ ގްރޫޕް، 6އަހަރާއި 10އަހަރާއި ދެމެދުގެ ގްރޫޕް، 11 އަހަރާއި 13 އަހަރާއި ދެމެދުގެ ގްރޫޕް އަދި 14 އަހަރާއި 18އަހަރާއި ދެމެދުގެ ގްރޫޕެވެ.

މުބާރާތުގައި ކުދިންގެ ހުނަރު ހުށައެޅޭނީ 4 ދާއިރާއަކުންނެވެ. އެއީ ކުރެހުން، ނެށުން، ލަވަކިޔުން އަދި މިއުޒިކު ކުޅުމުގެ ބައެވެ. ކޮންމެ ބައިވެރިއަކުވެސް ހުށައަޅަންޖެހެނީ 2 މިނެޓުގެ ވީޑިއޯކޮޅެކެވެ. ކުދިންގެ ހުނަރު ދައްކާލުމަށް ހުށައަޅާ ވީޑިއޯ ހުށައަޅަންޖެހޭނީ www.littlebuddymaldives.comއަށެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ޤައުމީ ފެންވަރުގައެވެ. ބައިނަލްއަޤްވާމީގޮތުން ބައިވެރި ކުރާނީ ކޮންމެ ޤައުމަކުންވެސް އެންމެ މަތިން މާކްސް ލިބޭ 16 ކުދިންނެވެ. މާކްސް ދޭނީ އެކަމަށް ޚާއްސަ ޖަޖިންގ ޕެނަލްއަކުންނެވެ.

މި މުބާރާތުގައި ޔޫރަޕާއި އެފްރިކާއިންވެސް ބައިވެރިވެއެވެ. މުބާރާތުގައި ދުނިޔޭގެ 93 ޤައުމަކުން ބައިވެރިވާކަމަށް މުބާރާތް އިންތިޒާމްކުރާ "ލިޓްލް ބަޑީ ޓެލެންޓްސް" މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.