ޚަބަރު

އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމަށް ތަރިކައަކީ މުހިންމު ވަޞީލަތެއް - ރައީސް


ތަރިކައަކީ އިޤްތިޞާދީ މުހިންމު ވަސީލަތެއްކަމަށާ އިޤްތިޞާދު ކުރިއަރުވައި ޢާމްދަނީ އިތުރުކޮށްދޭ ވަސީލަތެއްކަމަށް ދެކިގެން އެތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތް ވަށައިގެން އޮންނަ ޕާކު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ޘަޤާފީ ތަރިކައިގެ ތެރެއިން ވަރަށް މުއްސަނދި ތަރިކައެއްކަމަށާއި، އެމުހިންމު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިތާ، ގާތްގަނޑަކަށް 5 މަސްދުވަހުގެ ތެރޭގައި މަޝްރޫޢު ފުރިހަމަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ
ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ޘަޤާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއްކަމަށާއި، ދިވެހިންގެ އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ، ތާރީޚީ ޚަޒާނާއެއްކަމަށެވެ. ނަމަވެސް، ޤާއިމުވެ ހުންނާނޭ ގޯއްޗެއް ނުވަތަ ބިމެއް ކަށަވަރުނުވެ، 230 އަހަރަށްވުރެ ގިނަ ދުވަސްވަންދެން، މާލޭގެ ރައްޔިތުންނާއެކު އުޅެމުން އައި މިސްކިތެއްކަން ސިފަކުރައްވަމުން ރައީސް ވަނީ މިސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން ބިމުގައި މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ބަހައްޓާއިދިނުމަށް އެދިވަޑައިގެންފައެވެ.

"ވާނުވާ ނޭނގޭ އަނދިރިކަމެއްގައި ވަނިކޮށް، ސަރުކާރުން މި މިސްކިތް އަލުން މި ބިނާކުރީ، ޤާނޫނީގޮތުންވެސް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޢަމަލުކުރަން ފެށި، ޘަޤާފީ ތަރިކައިގެ ޤާނޫނު ބުނާގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެވެސް ޒިންމާއެއް. މި ދެންނެވި ޤާނޫނުގައި 4 ބާވަތެއްގެ ޘަޤާފީ ތަރިކަ ބަޔާންކޮށްދީފައި އެބައޮތް. އެއީ، އުފުލޭ ޘަޤާފީ ތަރިކައާއި އާސާރީ ބިނާތަކާއި އާސާރީ ސަރަޙައްދުތަކާއި މާނަވީ ޘަޤާފީ ތަރިކަ. މިދެންނެވި ބާވަތްތައް، މި ޤާނޫނުގައި މާނަކޮށްދީފައި އޮތްގޮތަށް ބަލާއިރު، ކަޅުވަކަރު މިސްކިތަކީ، މި ދެންނެވި ހަތަރު ބާވަތުގެ ތަރިކައިގެ ގޮތުގައިވެސް ހިމެނޭ ބިނާއެއް. މި ސަބަބަށްޓަކައި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ، މިފަދަ ތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް. މި މިސްކިތް ދިވެހިންގެ ތާރީޚުގައި ޚާއްޞަވަނީ ހަމައެކަނި އެވޭލާ ޒަމާނުގެ މިސްކިތަކަށް ވާތީއެއްނޫން."

ރައީސްގެ ވާހަކަފުޅުގައި ކަޅުވަކަރު މިސްކިތަކީ ޢިމާރާތް ކުރުމުގެ ފަންނުވެރިކަމާއި، ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބަލާއިރު އާދައާ ޚިލާފު މިސްކިތެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށް، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތަކީ އެ މިސްކިތްކަމަށްވެސް ވިދާޅުވިއެވެ.

"ވަކިން ޚާއްޞަކޮށް މި މިސްކިތަކީ، ރާއްޖޭގެ ބަހަވީ ތަރިކައާވެސް ވަރަށް ބޮޑަށް ގުޅިފައިވާ އާސާރީ ބިނާއެއް. މިސްކިތަށް ވަންނަ ދޮރުގެ ކަނާތްފަރާތުގައި، ހިރިގަލުގައި ބިންވަޅު ނަގާފައި އެހެރަ، ރީތި ނިޝާނަކީ، އައްސުލްޠާން ޙަސަން ނޫރައްދީން އެކެއްގެ ސިއްކަފުޅާ އެއްގޮތަށް، މުސްކުޅި ތާނައަކުރުން ލިޔެފައިވާ މާނަ ފުން ރަމްޒެއް. އާދެ! މުސްކުޅި ތާނަ އަކުރަކީ، މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ތާނަ އަކުރުގެ އަޞްލު އުފެދުނުއިރު، އަކުރުތައް ހުރި ބައްޓަމާއި ސިފަތައް އަންގައިދޭ ތާނައިގެ މާދަރީ އަކުރު. މިއީ ތާނަ އަކުރުން ލިޔެފައިވާ ދުވަސްވީ ލިޔުމަކަށްވާތީ، ދިވެހިންގެ ލިޔެކިޔުމާއި ތާނައަކުރާ ވަރަށް ބޮޑަށް ގުޅިފައިވާ ތަރިކައެއް. ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އެތައް ބާވަތެއް، މި މިސްކިތުން އަޅުގަނޑުމެންނަށް އެބަފެނޭ. އެއްކަމަކީ ގަލުވަޑާމުގެ މަސައްކަތް. ދެން ފެންނަނީ ލަކުޑީގައި ކޮށްފައިވާ ތެދުއުއި ވަޑާމުގެ މަސައްކަތާއި، ހިރިގަލުގައި ކަނޑައިނަގައިގެން ކުރެހުމާއި ލިޔުން. އޭގެ އިތުރުން، ލަކުޑީގައި ބިންވަޅު ނަގައިގެން ކުރެހުމާއި ލިޔުމާއި ލާފެންކުރުމުގެ މަސައްކަތްވެސް މި މިސްކިތުން ފެނިގެންދޭ."

އެހުރިހާ މަސައްކަތެއް، އޭގެ އެންމެ ފުރިހަމަ ދިވެހިވަންތަ ސިފަތަކާއެކު،ކަޅުވަކަރު މިސްކިތުން ފެންނަން އެބަހުރިކަމަށާއި، މިފަދަ ޘަޤާފީ ތަރިކައެއް ނެތިގެންދިޔަނުދީ ރައްކާތެރިކުރުމަކީ، ރާއްޖޭގެ ތާރީޚީ ދިރާސާތަކަށްޓަކައިވެސް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މި މިސްކިތަކީ، އެއްތަނުން އަނެއްތަނަށް އެތައްފަހަރަކު ބަދަލުވެގެންދިޔަ މިސްކިތެއް. ބައެއް ލިޔުންތަކުގައި ހުރިގޮތުން މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވިގެންދިޔައީ ޗާނދަނީ މަގުގައި. އެއަށްފަހުގައި ހީނާމާގޭ ދެކުނުން ކަރަންކާމަގާއި މަޖީދީ މަގާ ގުޅުނުތަނަށް ބަދަލުވެގެންދިޔައީ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މިސްކިތް ނީލަންކިޔައި، ފުރަނަފުށްޓަށް އެ މިސްކިތް ބަދަލުކުރެވިގެންދިޔައީ. އެއާއެކީގައި، އޭރު ތަރިކައާއި ތާރީޚަށް ލޯބިކުރައްވާ ވަރަށްގިނަ ބޭފުޅުން ހަރުއަޑުން އެކަމާ އިދިކޮޅަށް އިޙްތިޖާޖު ކުރައްވަމުން ގެންދެވި. އަޅުގަނޑު އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ އެއްބޭފުޅަކީ، މަންދު މުޙައްމަދު ވަޙީދުގެ ނަންފުޅު. އެމަނިކުފާނުގެ ދިރާސީ މަސައްކަތުގައި އަތްގާތްކުރުމުގެ ކުޑަކުޑަ ދައުރެއް އަޅުގަނޑަށްވެސް ވަކިހިސާބަކުން ލިބިގެންދިޔަ." ރައީސް ވިދާޅުވިއެވެ.

ތަރިކައަކީ އިޤްތިޞާދީ ވަރަށް މުހިންމު ވަސީލަތެއްކަމަށާ ޘަޤާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތްކަމަށެވެ. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ޘަޤާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއްކަމަށްވެސް ރައިސް ފާހަގަކުރެއްވިއެވެ.

"މި ސަބަބަށްޓަކައި، މިއަދު އަޅުގަނޑުމެން ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން. ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން." ރައީސް ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައިހުރި އެންމެ ގިނަދުވަސްވީ އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. 200އަށްވުރެ ގިނައަހަރުވީ މިމިސްކިތް ހިރިގަލުން ހަދާފައިވާއިރު، މިމިސްކިތުން ދިވެހިންގެ ގަލުވަޑާމާއި ވަޑާމުގެ ހުނަރު ވަރަށް ފުރިހަމައަށް ފެނެއެވެ. މުޅި ކަޅުވަކަރު މިސްކިތުގައި ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ބޭނުންކޮށްފައިވެއެވެ. 200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރައްދީން، އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް މީގެކުރިން 3 ތަނަކަށް ބަދަލުކޮށްފައިވެއެވެ.