ދިވެހި މުއްސަނދި ތަރިކައިގެ ތެރޭގައި ހިމެނޭ ކަޅުވަކަރު މިސްކިތް ރާވައި އަލުން ހުޅުވައިފިއެވެ. މިމިސްކިތް 2016ވަނަ އަހަރު ހުރިތަނުން އެހެންތަނަކަށް ބަދަލުކުރުމަށް މިސްކިތް ނަގައި އެކަން ނުކުރެވި ގިނަ ދުވަސްތަކެއް ވެގެންދިޔުމަކީ ޢާއްމުންގެ ގިނަބަޔަކު ކަންބޮޑުވިކަމެކެވެ. މިސްކިތް އަލުން ސަލްޓަންޕާކު ސަރަޙައްދުގައި ބެހެއްޓުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.
ދުއިސައްތަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރާއްޖޭގެ ޘަޤާފީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިއްމު ބިނާއެއްކަމަށްވާ ކަޅުވަކަރު މިސްކިތް ހުޅުއްވާ ދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގެ ރައިސް މުޙައްމަދު ނަޝީދާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި އެމިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރުގެ އިސް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ކަޅުވަކަރު މިސްކިތުން ފެނިގެންދަނީ އިހުގެ ދިވެހިން ފަގީރު ޙާލުގައިވެސް ދީނަށް ދިން ސަމާލުކަމާއި ގަދަރުކަމަށެވެ. ދިގު ތާރީޚެއް ލިބިފައިވާ ކަޅުވަކަރު މިސްކިތަކީ ގެއްލިގެން ދިޔުމުގެ ބިރު އެތައް ފަހަރަކު ކުރިމަތިވިބިނާއެއްކަން ފާހަގަކުރައްވައި މިސްކިތް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެކި ދުވަސްވަރު މަސައްކަތްކުރެއްވި އެކި ބޭފުޅުންނަށް މިނިސްޓަރ ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސިސްޓް އަޙްމަދު އަލާއު ވިދާޅުވީ ކަޅުވަކަރު މިސްކިތުން ދިވެހިންގެ ހުނަރު ހަމައެކަނި ފެނިގެންދަނީ ހިރިގަލުގެ ޑިޒައިންތަކުން އެކަނި ނޫންކަމަށެވެ. އަލާއު ވިދާޅުވީ މިސްކިތް އެކި ދުވަސްވަރު އެކި ތަންތަނަށް ބަދަލުކުރި އިރު އެއްވެސް ހިސާބަކުން މިސްކިތުގެ އަސްލަށް ބަދަލު އައިސްފައިނުވަނީ މިސްކިތް ބިނާކުރެއްވި ބޭފުޅުންގެ މޮޅުކަމުންކަމަށެވެ.
"ގަލުން ހަދާފައިވާ ޢިމާރާތްތައް އެއްތަނުން އަނެއްތަނަށް ރޫޅައިގެން ގެންދިޔުން ނުވަތަ މޫވަބަލް ހައުސެސް އެއީ ދިވެހިން ތަޢާރަފްކުރިކަމެއް. މިއީ އަޅުގަނޑުމެން ފަޚިރުވެރިވާންވީ ކަމެއް." އަލާ ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތް އަލުން ހުޅުވާފައިވަނީ މިސްކިތް ބިނާކުރުމަށް ބޭނުންކޮށްފައިވާ ހިރިގަލާއި ވަކަރަށް ޓްރީޓްމަންޓު ދިނުމަށްފަހުގައެވެ. މިސްކިތް ބިނާކުރުމަށް ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ވަނީ ބޭނުންކޮށްފައެވެ. 2016ވަނަ އަހަރު ކުރީގެ ސަރުކާރުން މިސްކިތް ރޫޅާލާފައިވަނީ އެހެންތަނަކަށް މިސްކިތް ބަދަލުކުރުމަށެވެ. އޭގެފަހުން މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. މިސްކިތް އަލުން ބޭނުންކުރަނީ އާސާރީ ބިނާއެއްގެ ގޮތުގައި ނަމަވެސް މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
2016ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންވަނީ މިމިސްކިތް ރޫޅާލާއި އެހެންތަނަކަށް މިސްކިތް ބަދަލުކުރުމަށް މަސައްކަތް ފަށާފައެވެ. އެހާތަނަށް ކަޅުވަކަރު މިސްކިތް ސަލްޓަމްޕާކުގެ އިރުދެކުނު ކަންމަތީގައި ފަހުންވަނީ ވިންޓަރ ތީމް ޕާކެއް ހަދާފައެވެ. ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ނުވަތަ ގދ.ތިނަދޫއަށް ބަދަލުކުރުމަށްވެސް އޭރުގެ ސަރުކާރުން މަޝްވަރާ ކުރައްވާފައިވެއެވެ.
މިސްކިތް ރޫޅާލައި އެހެންތަނަކަށް ބަދަލުކުރުމާދެކޮޅަށް ގިނަ ބަޔަކުވަނީ އަޑުއުފުލައި ކަންބޮޑުވުންފާޅުކޮށްފައެވެ. ކަޅުވަކަރު މިސްކިތް އަނބުރާ ސަލްޓަންޕާކު ސަރަޙައްދުގައި ބެހެއްޓުމަކީ މިސަރުކާރުގެ ވަޢުދެކެވެ. މިއާއެކު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.
މިސްކިތް އަލުން ބޭނުންކުރަނީ އާސާރީ ބިނާއެއްގެ ގޮތުގައި ނަމަވެސް މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މިސްކިތް އަލުން ހުޅުވާލާފައިވާއިރު ޢާއްމުނަށް މިސްކިތް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ރޭގަނޑު ނުވަޔަކާ ހަމައަށްކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.