ޚަބަރު

މިނީ ބަހުގެ ޚިދުމަތް އަންނައަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުމަށްދަނީ މަސައްކަތްކުރަމުން: ނަހުލާ


އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މިނީބަހުގެ ޚިދުމަތަކީ ސަރުކާރުގެ 100ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، މިހާތަނަށް ޚިދުމަތް ނުފެށިވާ މަސައްކަތް ކަމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ނުފެށި ލަސްވެގެން ދަނީ އެކަމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހިގެންކަމަށެވެ. ނަމަވެސް މިކަމަށް ބޭނުންވާ ބަޖެޓު ހަމަޖެހި، އަންނަ އަހަރު ޚިދުމަތް ފަށާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތްކުރިން ބޭރުގެ ހިލޭ އެހީދޭ ޖަމާތްތައް މެދުވެރިކޮށްވެސް ފަންޑިންގއެއް ހޯދުމަށް. މިހާރު މިވަނީ އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި މިކަމަށް ބަޖެޓު ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މިނީ ބަހުގެ ކަންތައް ޙައްލުވެގެންދާނެ." އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިކަމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީސްތައްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށްވެސް ޚިދުމަތް ނުފެށިވަނީ ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.

މި ޚިދުމަށް ދިނުމުގައި ބޭނުންކުރަން ނިންމާފައި ވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަހެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައި ވަނީ މި ބަސްތައް ވާނީ މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ 6 މީޓަރުގެ ކުދި ބަސްތަކެއްކަމަށާއި، މިއީ 16 މީހުންގެ ޖާގައިގެ ބަސްތައް ކަމަށެވެ.