ޚަބަރު

4 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް، އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފި


އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް(އޮފިޑް) ފަންޑްގެ އެހީގައި 4 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދިއުމަށް މާލޭ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ)އާ ޙަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރަން ހަވާލުކޮށްފައިވަނީ ގދ.ވާދޫ، ގދ.ފިޔޯރީ، ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތެވެ. އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ސަރވޭއާއި، އީއައިއޭ ހެދުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، ގޭގައަށް ވިއުގަ ގު ގުޅުމުގެ މަސައްކަތެވެ.

މި ޕްރޮޖެކްޓަށް 216.7މިލިއަން ރުފިޔާ ހޭދަވާނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މި ފައިސާގެ %77 ޚަރަދުކުރަނީ އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް(އޮފިޑް)އިންނެވެ. އަދި %23 ފައިސާ ޚަރަދުކުރަނީ ދަޢުލަތުގެ ބަޖެޓުންނެވެ.
މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 2 އަހަރުގެ މުއްދަތުގެ ތެރޭގައެވެ.

4ރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮޕް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ.