ނޯވޭ ސަރުކާރުން އެހީދިނުން ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ ޤައުމުގެ ލޯ ކޯސްޓް އެއަރލައިން ނޯވޭޖިއަން އެއަރ ބަނގުރޫޓުވެ، ހުއްޓާލަންޖެހިދާނެކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.
ކޯވިޑްގެ ސަބަބުން ނޯވޭގެ އިޤްތިޞާދަށް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ.
ނޯވޭޖިއަން އެއަރގެ މާލީ ޙަލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ އެއަރލައިންގެ ސީއީއޯ ޖޭކޮބް ސްކްރޭމް ވިދާޅުވީ، މިއަހަރު ފެށުނީއްސުރެ އެ ކުންފުނި ހިންގަމުންދަނީ ބޮޑު ދަރަންޏެއްގައި އެއްވެސް ފައިދާއެއް ލިބުމެއް ނެތިކަމަށެވެ. މި ސަބަބައްޓަކައި އެކި ދުވަސްތަކުގެ މަތިން އެއަރލައިންގެ ފްލައިޓްތައް ގްރައުންޑްކޮށް ގިނަ އަަދަދެއްގެ މުއައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާތަނަށް އައިރު އެއްވެސް މުއައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާއިރު، މިކަމުގެ ސަބަބުން ކުންފުނީގެ ޚަރަދު އިތުރަށް ބޮޑުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއާއެކު އަންނަ އަހަރު ކުންފުނި ހިންގޭނެކަމާއި މެދު ސުވާލު އުފެދިފައިވާކަމަށްވެސް ޖޭކޮބް ވިދާޅުވިއެވެ.
މިފަދަ ދަތި ޙާލަތެއްގައި އެއަރލައިން އޮތްވާ ނޯވޭ ސަރުކާރުން ކުންފުނިތަކަށް ދެމުން އައި ކޯވިޑް ރިލީފް އެއިޑް ނޯވޭޖިއަން އެއަރއަށް ދިނުން ހުއްޓާލަން ވަނީ ނިންމާފައެވެ. މި ނިންމުމާއި ގުޅޭގޮތުން ނޯވޭގެ ޓްރޭޑް މިނިސްޓަރ އިސްލެން ނިޔޯބޯވަނީ މިފަދަ ނިންމުމެއް ނިންމީ ނޯވޭޖިއަން އެއަރއިން ޤައުމަށް އެއްވެސް ފައިދާއެއް ނުވާތީކަމަށް ވިދާޅުވެފައެވެ. އޭނާވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރާ ކޯވިޑް ރިލީފް އެއިޑްއިން ނޯވޭޖިއަން އެއަރއަށް ބައިއެޅުމަކީ ބޭކާރު ކަމެއްކަމުގައި ސިފަކުރައްވާފައެވެ.
ނޯވޭގެ ސަރުކާރުގެ ބަސްމަގު ހުރިގޮތާއި ގުޅޭގޮތުން ނޯވޭޖިއަން އެއަރގެ ސީއީއޯ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން އެ އެއަރލައިންއަކީ ގިނަ އަދަދެއްގެ ނޯވޭގެ ރައްޔިތުންނަށް މިދަތި ޙާލަތުގައިވެސް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ ގިނަ އަހަރުތަކެއް ވަންދެން ގިނަ އަދަދެއްގެ ފަތުރުވެރިން އެ ޤައުމަށް ގެނެސްދިން އެއަރލައިންއެއްކަމުގައިވާއިރު، މިފަދަ ބަސްމަގެއް ބޭނުންކުރެއްވީތީ ހިތާމަކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އެއަރލައިންނަށް ކުރާ ޚަރަދަކީ ބޭކާރު ކަމެއްކަމުގައި ވިދާޅުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
1993 ވަނަ އަހަރު ވުޖޫދަށް އައި ނޯވީޖިއަން އެއަރއިން މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާ އައު ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފަށާފައެވެ. އެގޮތުން އެމެރިކާގެ އެކި ސްޓޭޓްތަކާއި ޔޫރަޕްގެ ގިނަ ޤައުމުތަކަކަށް ދަތުރުތައް ފަށާފައިވާއިރު، އެ އެއަރލައިނުން ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި އެއްފަހަރާ 222 މަތިންދާ ބޯޓު ގަތުމަށް ނިންމާފައެވެ. މިއީ ވިލާތުގެ ޤައުމަކުން އެއްފަހަރާއި މިހާ ގިނަ މަތިންދާ ބޯޓުގަންނަން އަމާޒުހިފި ފުރަތަމަ ފަހަރުކަމުގައި ވެެގެންދިޔައިރު، މިކަމަށް ބޮޑެތި ޚަރަދުތަކެއް ވަނީ ހިނގާފައެވެ. އަދި ކުންފުނިން ވަނީ ގިނަ ލޯންތަކެއްވެސް ނަގާފައެވެ. އެހެންނަމަވެސް، މިއަހަރުގެ ކުރީކޮޅު ކޯވިޑްގެ ސަބަބުން މިވަރު ބޮޑު އިންވެސްޓްމެންޓަކަށް ފައިސާ ނުދެއްކި މިވަނީ ގޮތް ހުސްވެފައެވެ. އެގޮތުން މިއަހަރުގެ 3 ވަނަ ކުއާޓާގައި އެ ކުންފުނީގެ 140 މަތިންދާ ބޯޓުގެ ތެރެއިން 25 މަތިންދާ ބޯޓު އޮަޕަރޭޓްކޮށްގެންވެސް 310 މިލިއަން ޑޮލަރުގެ ގެއްލުމާއި ވަނީ ކުރިމަތިލާންޖެހިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 91 އިންސައްތައިގެ އަޑިއަޅާލުމެކެެވެ.
ނޯވީޖިއަން އެއަރއިން ވަނީ ކުންފުނި ނުހުއްޓި ހިންގުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ނިންމާފައިވާކަމަށް ބުނެފައެވެ. އެގޮތުން ދިހަ ހާސް މުއައްޒަފުން މަސައްކަތްކުރަމުންދާ ކުންފުނީގެ މުއައްޒަފުންގެ އަދަދު 600 އަށް ތިރިކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެއަރލައިންގެ ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކޮށް ޑޮމެސްޓިކް އޮޕަރޭޝަން ކުޑަކުރާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ނޯވޭގެ އެތެރޭގެ އުދުހުންތަކަށް ވަރަށް ބޮޑު ބުރުލެއް އަރާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.