ޚަބަރު

ކޯވިޑް 19: 42މީހުން ޕޮޒިޓިވް، ރަނގަޅުވީ 18މީހުން


ރާއްޖެއިން އިތުރު 42މިހުން ކޯވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ. ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއިއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 12154 އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 28 ދިވެހިންނާއި 14 ބިދޭސީންނެވެ. މާލެ ސަރަޙައްދުން ފެނުނު ކޭސްތަކުގެ އަދަދަކީ 32 އެވެ. އަދި އަތޮޅުތަކުން 10 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހުންނެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 11262 އަރާފައެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްތިބީ 843 މީހުންނެވެ.

އެޗްޕީއޭއިން އާއްމު ކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދަނީ 246 މީހުންނަށެވެ. އަދި ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި 49 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

އަތޮޅުތަކުގައި މިވަގުތު ތިބީ 7 ރަށަކުން ކޯވިޑް 19އަށް ޕޮޒިޓިވް 11 މީހުންނެވެ. އެއީ 2 ދިވެހިންނާއި، 9 ބިދޭސީންނެވެ. އެޗްޕީއޭއިން ވިދާޅުވީ މި 11މީހުންގެ ތެރޭގައި ހިމެނެނީ ރަށު ފުރަބަންދުގައި ތިބި 5މީހުންނާއި، ފުރުމުގެ ކުރިން ނެގި ޑިޕަރޗަރ ސާމްޕަލްއިން ބައްޔަށް ޕޮޒިޓިވްވިކަން އިނގުނު 6މީހުންކަމަށެވެ.

އަތޮޅުތަކުގައި ހުރި ކޯވިޑް މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ލ.ގަމުގައި ހުރި ފެސިލިޓީގައި 7 މީހުންނަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ.

26 ރިސޯޓްގައި ކޯވިޑް19 އަށް ޕޮޒިޓިވް 139މީހުން އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ 59 ފަތުރުވެރިންނާއި، 80 ސްޓާފުންނެވެ.
ކޯވިޑް19އަށް ޓެސްޓުކުރުމަށް ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 1215 ސާމްޕަލްވަނީ ނަގާފައެވެ.

މިބަލީގައި ހޮނިހިރު ދުވަހު ވަނީ މީހަކު ނިޔާވެފައިއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި 57 އަހަރުގެ މީހާ އާއި އެކު މިހާތަަނަށް ރާއްޖެއިން މިބަލީގައި 42 މީހުން ވަނީ މަރުވެފައެވެ.