ޚަބަރު

ތިމާވެއްޓާއި ރައްޓެހި "ބަސް ސްޓޮޕް" ނައިބު ރައީސް ހުޅުއްވައިދެއްވައިފި


ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުން ހެދި ތިމާވެއްޓާއި ރައްޓެހި "ބަސް ސްޓޮޕް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ.

މިކަމަށްޓަކައި ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ސްޓެލްކޯގެ މުޢައްޒަފުންވަނީ ބައިވެރިވެފައެވެ.

ބަސް ހުއްޓި ހުޅުއްވައި ދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިފަދަ އިޖުތިމާއީ މަސައްކަތެއް ކޮށްދެއްވިކަމަށްޓަކައި ސްޓެލްކޯއަށް ޝުކުރު އަދާކުރައްވާފައެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.

"އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް. ސްޓެލްކޯއިން މި ހަދިޔާކުރި ބަސް ސްޓޮޕާއިއެކުވެސް ރައްކާތެރި ޚިދުމަތެއް އެބަ ރައްޔިތުންނަށް ލިބޭ. ދެދުވަހެއް ކުރިން މި ހުޅުވި ޕާކަކީވެސް އިޖުތިމާޢީ ހިތްހަމަޖެހުން ޙޯދައިދިނުމަށް ކުރެވުނު މަސައްކަތެއް." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މާލެއަށް ދިމާވެފައިވާ މަގުތަކުގެ ޖާގައިގެ ދަތިކަމާއި ޓްރެފިކްގެ މައްސަލަތައްވެސް ޙައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ.

ކޯވިޑްގެ ޙާލަތާއި ގުޅިގެން މުޅި ރާއްޖެއަށްވެސް ދަތި ވަގުތެއް ކުރިމަތިވެފައި ވާކަމަށާއި، ކަރަންޓުފަދަ ޟަރޫރީ ވަސީލަތްތައް އިސްރާފުކުރުން ކުޑަކޮށް، ފަހަށް ރައްކާކުރުމުގެ އާދަ އަށަގަންނުވަންޖެހޭކަން ނައިބު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯ ފުރަގަހުން މާލެ ބޮޑުތަކުރުފާނު މަގުގައި ސްޓެލްކޯއިން ހެދި ބަސް ސްޓޮޕަކީ ތަނަވަސް، ތިމާވެއްޓާއި ރައްޓެރި ބަސް ސްޓޮޕެކެވެ.

ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހަސަން މުޣުނީ ވިދާޅުވީ، މި މަސައްކަތަކީ އިޖްތިމާޢީ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށް ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށެވެ.

"ބަސް ސްޓޮޕްގައި ކަރަންޓު ބޭނުންކުރަނީ އިރުގެ އަވިން އުފައްދާ ހަކަތައިން. ފެންވެސް މި ފޯރުކޮށްދެނީ އިންޖީނުން އަރާ ހޫނު ބޭނުންކޮށްގެން އުފައްދާ ސާފު ފެން. އަދި ބަސް ސްޓޮޕަށް އިރުގެ އަލިވެސް ފުރިހަމައަށް ލިބޭނެ." މުޣުނީ ވިދާޅުވިއެވެ.

މީގެއިތުރަށް ޔޫއެސްބީ ޗާޖިންގ ޕޮއިންޓްތަކެއްވެސް ބަސް ސްޓޮޕްގައި ވަނީ ހަދާފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ބަސް ސްޓޮޕްގައި ބަސް ދަތުރުތަކާއިގުޅޭ މަޢުލޫމާތުވެސް ފެންނަން ހުންނާނެކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ބަސް އޮތް ސަރަޙައްދު ބެލުމަށް ޓްރެކިންގ ޑިވައިސްވެސް ބަހައްޓާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.