ޚަބަރު

ސްރީލަންކާއަށް އެތެރެ ނުކުރެވި، ހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެޤައުމަށް އެތެރެކޮށްފި


ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ސްރީލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހުކަމަށެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތައް، ސްރީލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަޤީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީ ލަންކާއަށް އެތެރެކުރުން މަނާކުރިކަމުގެ ރަސްމީ އެއްވެސް މަޢުލޫމާތެއް ލަންކާ ސަރުކާރުން ދިވެހި ސަރުކާރާ ކުރިން ޙިއްސާކޮށްފައިނުވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެއްވެސް ހުރައްހެއް ނެތި ސްރީ ލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަގީންކަން، މިދިޔަ މަހު ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް ދީފައެވެ. މިދިޔަމަހު ވަނީ މިކަމާއި ގުޅޭ މަޝްވަރާތަކެއް ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންގޮސްފައެވެ. ބައެއް ޤައުމުތަކުން ލަންކާއަށް މަސް އެކްސްޕޯޓްކުރުން ހިފަހައްޓާފައި ވީނަމަވެސް، ރާއްޖެއިން އެ ޤައުމަށް މަސް އެކްސްޕޯޓް ކުރެވޭނެކަމުގެ ޔަގީންކަން އެ ބައްދަލުވުންތަކުގައި ދީފައިވާކަމަށް ފޮރިން މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވެއެވެ.

ނަމަވެސް ލަންކާގެ އައު ސަރުކާރުން އެ ގައުމުގެ މަސްވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް، އެހެން ޤައުމުތަކުން އެ ޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ. އާ ޓެކުހުގެ ރޭޓުތަކުގައިވާގޮތުން ރާއްޖެއިން އެޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެކްސްގެ ގޮތުގައި ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް އެޤައުމުން ވަނީ ނިންމާފައެވެ.

ރާއްޖެއިން އެތެރެކުރާ ވަޅޯމަހާއި ހިކިމަހަކީ ލަންކާގައި މަގުބޫލު ބާވަތްތަކެކެވެ. މިދިޔަ އަހަރުވެސް އެ ޤައުމަށް 5000 ޓަނުގެ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.