ވިޔަފާރި

މިފްކޯގެ އިތުރު 2 އުފެއްދުމެއް ބާޒާރަށް ނެރެނީ


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން އިތުރު 2 އުފެއްދުމެއް ބާޒާރަށް ނެރެން ތައްޔާރުވަމުންއަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ އިތުރު އުފެއްދުންތަކެއް މާކެޓަށް ނެރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އަލަށް ބާޒާރަށް ނެރެނީ ޕްރޮސެސްކޮށްފައި ނެރޭ ވަޅޯމަސް ދަޅާއި، ބޮނބިކުނޑިކަމަށެވެ. ބޮނބިކުޑި އަންނަ ހަފްތާތެރޭގައި މާކެޓަށް ނެރެވޭނެކަމަށާއި، މިއީ ލޮކްޑައުންގެ ތެރޭގައި ދަނޑުވެރިކަމަށް ގިނަ ބަޔަކު ނިކުމެފައިވާތީ ނެރޭ އުފެއްދުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިއީ އެއްވެސް ކެމިކަލްއެއް ނުހިމެނޭ އޯގަރނިކް އުފެއްދުމެއްކަމެށެވެ. އަދި ވަޅޯމަސް ދަޅު ކުރިއަށްއޮތް 2 މަހެއްގެ ތެރޭގައި ބާޒާރަށް ނެރެވޭނެކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

"ކުރިއަށްއޮތް ތަނުގައި އިތުރު ޕްރޮޑަކްޓްތައްވެސް އެބަހުރި މާކެޓަށް އަންނަން. ހާއްސަކޮށް ވަޅޯމަހުގެ ދަޅު އަޅުގަނޑުމެން ޕްރޮސެސްކޮށްފައި ނެރެން މިހާރު ޓެސްޓިން މަރުހަލާގައި ހުރީ. މާކެޓަށް ކުރިއަށްއޮތް 2 މަހެއްގެ ތެރޭގައި ނެރެވޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ. ދެން އިތުރަށް ގަސްހައްދާ ފަރާތްތަކަށް އަޅުގަނޑުމެން ތައާރަފްކޮށްގެން އެބަ ނެރެން ބޮނބިކުނޑި އިނގޭތޯ. އެވެސް އަޅުގަނޑު އުންމީދުކުރަނީ ވަރަށް ރަނގަޅު މާކެޓަކަށް ވާނެއޭ. ފެލިވަރުގައި މިހާރު އެއަށް ބޭނުންވާ މެސިނަރީތައް ގެނެސްފައި ކުރިއަށްއޮތް ގާތްގަނޑަކަށް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މާކެޓަށް ނެރެވޭނެކަމަށް އުންމީދުކުރަނީ." ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، އެ ކުންފުނިން ބާޒާރަށް ނެރުނު "ހޮޓް ޕެކް" އަށްވެސް ބާޒާރުގައި ތަރުހީބު ބޮޑުކަމަށެވެ. ހޮޓް ޕެކް ނުވަތަ "ގިތެޔޮ މިރުސް މަސްދަޅު" މިފްކޯއިން ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ގިތެޔޮ މިރުސް މަސްދަޅު ފެލިވަރު މަސް ކާރުހާނާގައި ބަންދުކުރަމުން ދަނީ ކޮންމެ ދުވަހެއްގެވެސް މައިގަނޑު މަސްކަތްތައް ނިމުމުންކަމަށް މިފްކޯއިން ބުނެއެވެ. އަދި މި މަސްދަޅު ތައްޔާރުކުރަނީ ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ކަމަށްވުމުން، އެ ކާރުހާނާގައި ބަންދުކުރާ އާދައިގެ މަސްދަޅުތަކާއި އަޅާ ބަލާއިރު ކުރަން ޖެހޭ މަސައްކަތް ގިނަކަމަށް މިފްކޯއިން ބުނެއެވެ.