ޚަބަރު

ތުޅާދު އާއި އިތުރު 2 ރަށެއްގައި އަންނަ އަހަރު އެއަރޕޯޓް ހަދަނީ


ބ.ތުޅާދޫ ހިމެނޭހެން އިތުރު ދެ ރަށުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރަށް ރާވާފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމުގައި ސަރުކާރުގެ ތަޞައްވަރު ހާމަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުން 30މިނެޓުގެ ދަތުރަކުން އެއަރޕޯޓަށް ދެވޭނެ ގޮތް ހަމަޖެއްސުމުގެ ވަޢުދު، މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓާއެކު ޙާސިލްވަނެކަމަށެވެ.

މިނިސްޓަރ ނަހުލާވަނީ އަންނަ އަހަރަށް ރަވާފައިވާ އެއަރޕޯޓް މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބެއްލެވުމުގެ ދަށުން ކުރައްވާ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރު ބިލެއްފަހި، މުލި އަދި އިތުރަށް ތުޅާދޫގައިވެސް އެއަރޕޯޓް އެޅުމުގެ ޕްލޭން ކުރެވިފައިވަނީ. މުލީ އެއަރޕޯޓައިއެކު 30މިނެޓުގެ ރޭޑިއަސްތެރޭ ދަތުރުކޮށް އެއަރޕޯޓަށް ދަތުރުކުރެވޭގޮތް ހެދުނީ." މިނިސްޓަރ ނަހުލަ ވިދާޅުވިއެވެ.

އިންޓަވިއުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ކޮންމެ ރަށަކުން 30މިނެޓުން އެއްރޕޯޓަށް ދަތުރު ކުރެވޭގޮތަށް އޮތް ތަޞައްވުރު ޙާސިލްކުރުމުގައި ދަތިތައްވެސް ހުރިކަމަށެވެ. އެގޮތުން ބައެއް ރަށްތައް ވަކިން ދުރުގައި އުފެދިފައިވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ރަށްތައް ހުރިގޮތުން އެބަ ދަތިވޭ. ޚާއްސަކޮށް މަކުނުދޫ ވަކިން އޮންނަ ރަށަކަށްވާތީ ދުރުވާނެ އެއަރޕޯޓަށް ދާން. މަކުނުދުއަށް ވައިގެމަގުން ދަތުރުކުރެވޭނެ ގޮތެއް ހަމަޖެއްސުން، އެކަމާއި ވާހަކަވެސް ދެކެވިފައިވަނީ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށްގެންދަނީ ހޯރަފުށި އެއަރޕޯޓްގެ ޚިދުމަތް ފެށުމުގެ ތައްޔާރީތަކެވެ. މި އެއަރޕޯޓްގައި އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވާއިރު، 17ވަނަ ދުވަހު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށްވަނީ ނިންމާފައެވެ.