ޚަބަރު

ހޯރަފުށީ އެއަރޕޯޓަކީ ސަރަޙައްދުގެ ރައްޔިތުންގެ ކުރިއެރުމާއި ގުޅިފައިވާ އެއަރޕޯޓެއް


ހޯރަފުށީ އެއަރޕޯޓަކީ އެރަށު ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ އެއަރޕޯޓެކެވެ. އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު މިއީ އެސަރަޙައްދުގައި އިޤްތިޞާދީ ގޮތުން ހުޅުވޭ ދޮރެއްގެ ގޮތުގައި ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ.

ހޯރަފުށީ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ނިންމާ މިމަހުގެ 16 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސަން މިހާރުވަނީ ތައްޔާރުވެފައެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ތަރައްޤީކުރި މިއެއަރޕޯޓަށް އިންތިޒާރު ކުރަނީ ހަމައެކަނި ހޯރަފުށީ ރައްޔިތުންނެއް ނޫނެވެ. މުޅި އަތޮޅަށް ލިބިގެންދާ އެއަރޕޯޓަކީ އެތައް ގޮތަކުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ތަނެއްގެ ގޮތުގައި އެސަރަޙައްދުގެ ރައްޔިތުން ސިފަކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވީ އެއަރޕޯޓާއެކު ސަރަޙައްދުގެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މިހާރުވެސް ކޮންމެވެސް ވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ހޯރަފުއްޓަށްވެސް ފަތުރުވެރިން ޒިޔާރަތްކުރުމަށް ފަސޭހަވުމާއެކު ޑައިރެކްޓް ފްލައިޓު މެދުވެރިކޮށް އަންނަން ބޭނުންވާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް ކައުންސިލުން ދެކެއެވެ. ހއ.އަތޮޅުގައި ގިނަ ފަޅުތަކާއި ފިނޮޅުތައް ހުރިިއިރު އެއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެގެން އައުމަކީ އެސަރަޙައްދުގެ ރައްޔިތުންގެ އުއްމީދެކެވެ.

"ހޯރަފުށީ އެއަރޕޯޓު ހުޅުވަން މިހާރު މިމަހުގެ 17 އަށް މިވަނީ ރަސްމީކޮށް ނިންމާފައި. މިކަމުގައި އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ހޯރަފުއްޓާއި އަދި މިސަރަޙައްދުތަކުގެ ރަށްތަކުގެ ރައްޔިތުން. މީގެ ސަބަބުން އެންމެ ބޮޑު އުފަލެއް ލިބިގެންދަނީ ރައްޔިތުން ހުރިހާ ފިކުރެއް އެއްފަރާތްކޮށް އެކަތިގަނޑަކަށް ވެގެން އެއްރޫޙެއްގައ މަސައްކަތްކުރާތީ އަދި ހަމައެއާއެކު މިހާދުވަހު އުޅުނު ދަތިޙާލަށް ނިމުމެއް އަންނާތީވެސް އުފާވޭ. އިތުރު ފުރުސަތުތަކެއް މިސަރޙައްދަށް ފަހިވެގެންދާނެ މިއެއަރޕޯޓާއެކު . މިއެއަރޕޯޓާއެކު ލޯކަލް ޓޫރިޒަމަށް އިތުރު ދިރުތަކެއް ހުޅުވިގެންދާނެ." ހޯރަފުށީ ކައުންސިލްގެ ރައިސް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމްގެ އިތުރުން މީގެ ކުރިން މާލެ ދިޔުމަށާއި ކުޅުދުއްފުއްޓާއި ދިއްދޫ ހޮސްޕިޓަލަށް ބޭސްފަރުވާއަށް ދިޔުމަށް ކުރި ދިގު ދަތުރުތައްވެސް ނިމުމަކަށް އައީކަމަށް ކައުންސިލުން ވިދާޅުވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ނުކުރެވުމުގެ ހިތްދަތި އެތައް ހަނދާނެއް މާޒީވެފައިވާކަމަށް ހޯރަފުށީ ކައުންސިލުން ފާހަގަކުރައްވައެވެ.

އެއަރޕޯޓު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު މިހާރުވަނީ އެއަރޕޯޓާއި ހޯރަފުށީ ގުޅާލާ މަގުގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިއެވެ. އަދި އެއަރޕޯޓް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއަރޕޯޓު ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތަށް ރަށްއެއްކޮށް އަންނަނީ ތައްޔާރުވަމުންނެވެ. އެއަރޕޯޓުގެ ޢަމަލީ މަސައްކަތުން ފެށިގެން އެއަރޕޯޓު ހުޅުވުމަށް މުޅި ރަށް ޒީނަތްތެރިކުރުމާ ހަމައަށް ރަށުގެ ކުދި ބޮޑު އެންމެންގެ ހިއްސާ ބޮޑެވެ. ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން މިމަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވަމުން އަންނައިރު މަސައްކަތްކުރާ ފަރާތްތަކުގެ ކެއުމުގެ ކަންކަން ރަށުގެ އަންހެންވެރިން އަންނަނީ ހަމަޖައްސަމުންނެވެ.