ވިޔަފާރި

އަނބުރާ ޤައުމަށް ދާން އެދޭ ބިދޭސީން ތެރޭގައި އެމްޕްލޯއިމެންޓް އެޕްރޫވަލް އޮތް ފަރާތްތައް އެކަން އަންގަން އެދިއްޖެ


"ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން އަނބުރާ ޤައުމަށް ދިޔުމަށް އެދިފައިވާ ފަރާތްތަކުގެތެރޭގައި އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ހިމެނޭ ކަމުގައިވާނަމަ އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އެންގުމަށް އެދިއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން އަނބުރާ ޤައުމަށް ދިޔުމަށް އެދި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ދަނީ ހުށަހަޅަމުންކަމަށެވެ. މި ފަދަ ފަރާތްތަކުން އަނބުރާ ޤައުމަށް ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށްކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މީގެތެރޭގައި ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ހިމެނޭ ކަމުގައިވާނަމަ، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އެންގުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ވަނީ އެފަދަ ބިދޭސީންގެ ލިސްޓެއް އާއްމުކޮށްފައެވެ. މި ލިސްޓުގައި 723 ބިދޭސީން ހިމެނެއެވެ.

މިނިސްޓްރީން ވަނީ މި ލިސްޓްގައި ހިމެނޭ، ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާނަމަ، އެކަން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް ވަނީ އެދިފައެވެ.

އީމެއިލްގައި ބިދޭސީ ފަރާތުގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މަޢުލޫމާތު ހިމެނުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައި ބަޔާންކޮށް މައުލޫމާތު ހިއްސާ ނުކުރާ ބިދޭސީ ފަރާތްތައް "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން އަނބުރާ ޤައުމަށް ފޮނުވައިލެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މިދިޔަމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމަށް ބޭއްވި 42 ރެޕަޓްރިއޭޝަން ފްލައިޓުން 8000 ވުރެގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ޤައުމަށް ވަނީ ފޮނުވާލާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބިދޭސީންނާއި ކޯވިޑް-19އާއި ގުޅިގެން ޤައުމަށް ދާންބޭނުންވެފައި ތިބި މީހުން ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަންނަނީ އެޤައުމުތަކާއި ގުޅިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ އަށާރަހާސް ހަތްސަތޭކަ ތޭވީސް ބިދޭސީން ވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ނިސްބަތުން ގިނައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ގަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެތެރެއިން ވިހިހާސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމެވެ. އަދި ބިދޭސީންގެ ސަބަބުން ފެންމަތިވަމުން އަންނަ އިޖުތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލަންޖެހޭ އުސޫލްތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.