ޚަބަރު

ލޮނުޒިޔާރަތްކޮޅު ޕާކު ތަރައްޤީކުރެވުމަކީ މާލެ މިހާރުއޮތް ހާލަތު ބަދަލުކުރެވިދާނެކަން ހާމަވާކަމެއް: ރައީސް


މާލެ މިހާރު އޮތް ހާލަތުން ރައްޔިތުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ ކުރެވިދާނެކަމެއްކަން ލޮނުޒިޔާރަތްކޮޅު ކުރިން އޮތްގޮތާއި އެތަނަށް މިހާރު ގެނެވިފައިވާ ހިތްގައިމު ބަދަލުގެ ސަބަބުން ގަބޫލުކުރެއްވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތްކޮޅު ޕާކުހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޕާކަށް ވަދެވަޑައިގެންނެވުމުން އެމަނިކުފާނަށް ކުރެވުނީ ވަރަށް އުފާވެރި ބަދަލުތަކެއްގެ އިހުސާސެއްކަމަށެވެ. އެގޮތުން ޒަމާނީ ޑިމޮކްރަސީގެ ދަށަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެންދިއުމުގެ އުފާ ފާޅުކުރަން މީހުން އެއްވީ ލޮނުޒިޔާރަތްކޮޅަށް ކަމަށް ރައީސް ވިދާޅުވިއެވެ. ލޮނުޒިޔާރަތްކޮޅުގައި މިހާރު ޕާކު ހަދާފައިވާ ސަރަހައްދު ރައީސް ސިފަކުރެއްވީ އުއްމީދާ ބަދަލުވުމާއި ހިންހަމަޖެހުމާއި ގުޅިފައިވާ ބިމެއްގެ ގޮތުގައެވެ.

އޭގެ މާކުރިން ފެށިގެންވެސް، މާލޭގެ ލޮނުޒިޔާރަތްކޮޅަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްފަސޭހަކަމާއި ހިތްހަމަޖެހުމާ، އަބަދުވެސް ގުޅިފައި އޮތް ތަނެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ލޮނުޒިޔާރަތްކޮޅު ޕާކު ހެދުމުގެ ކުރިން ލޮނުޒިޔާރަތްކޮޅު ސަރަޙައްދު އޮތްގޮތާއި މިހާރު އެތަނަށް ގެނެވިފައިވާ ބަދަލުން، މާލެއަށް ދިމާވެފައިވާ ތަފާތު މައްސަލަތައްވެސް މަސައްކަތްކޮށްފިނަމަ ހައްލުކުރެވިދާނެކަމަށެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ލޮނުޒިޔާރަތްކޮޅު ޕާކު ރަސްމީކޮށް ހުޅުވައިދެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢުމަރު ޒާހިރު މާލޭގެ ތަރައްޤީއަށްޓަކައި ކޮށްދެއްވި ޚިދުމަތް ފާހަގަކުރައްވައި، މާލެ މިއަދު މި ދެކޭ ބަދަލުތަކުގައި އުމަރު ޒާހިރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކަމަށް ވިދާޅުވެ އެމަނިކުފާނަށް ޚާއްސަ ޝުކުރު އަދާކުރެއްވިއެވެ.

"މީގެ ކުރިން މިތަންއޮތްގޮތް ފެނި މިތަން މިހާރުއޮތްގޮތަށް ފެންނަމުންދާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ މާލެ މިހާރުއޮތް ހާލަތުގައިވެސް މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ ކުރެވިދާނެކަމެއް ކަމަށް. އެކަން އެންމެ ބޮޑަށް ގަބޫލުކުރައްވާނެ އެއްބޭފުޅަކީ ދެންމެ މިޕާކު ހުޅުއްވައިދެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވުމަށްފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ އެއްކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުންކަމަށާއި، މި ޕާކަކީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތްކަމަށެވެ.

ލޮނުޒިޔާރަތްކޮޅު ޕާކް ޙަޤީޤަތަކަށް ހެއްދެވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރ، އަދި މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްކުރެއްވި މަސައްކަތާއި މިކަމުގައި މާލޭ ސިޓީ ކައުންސިލުން ކުރި ބުރަ މަސައްކަތް ރައީސްވާނީ ފާހަގަކުރައްވައި ޝުކުރުއަދާކޮށްފައެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މިހާ ނަލަ، މިހާ ހިތްގައިމު ޕާކެއް ތަރައްޤީ ކުރުމުން، ނުތަނަވަސްކަމާއި ހާސްކަން ފިލުވާލައި، ނަފްސު ތާޒާކޮށްލުމަށް، މިތަނަށް އަންނަ މީހުންގެ ޢަދަދު، ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށް ގާބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން ވަރަށް ދަތި އުނދަގޫ ޙާލަތެއްގައި ރައްޔިތުން މިއަދު ތިބިއިރު މިފަދަ ޕާކުތަކާއި މައިޒާންތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމުގެ ފުރުޞަތެއް މިހާރަކު ނެތް ނަމަވެސް، ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން، ވީވަރަކުން މިފަދަ ތަންތަނުގެ ބޭނުންހިފުމަކީ، ބޭނުންތެރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކޯވިޑް-19ގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ވަނީ ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ ޢަދަދު އިތުރުވެފައި. މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް، ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ، ހާސްކަމާއި ކަންބޮޑުވުންތަކަށް، ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ" ރައީސް ވިދާޅުވިއެވެ.

މި ޕާކުގެ ސަބަބުން، މާލޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް، ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް، މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަން ރޭވިފައި އެބަހުރިކަމަށާއި އަންނަ އަހަރުގެ ތެރޭގައިވެސް، މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.