ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރިނަމަވެސް، މި ޢަމާޒުން މާލެ ސަރަޙައްދު ކައްސާލައިގެން ނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 52ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްވަނީ ރާއްޖޭގެ ތަރައްޤީއަށް އަންނަ އަހަރުތަކަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަޞައްވުރުތަކާއި، މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. މިސަރުކާރުގެ އެންމެ މުހިންމު އެއް ޢަމާޒަކީ ރާއްޖޭގެ ޚިދުމަތްތައް އެއް ސަރަޙައްދަކަށް ބަރޯސާވެފައި އޮތް އޮތުން، ލާމަރުކާޒީ ނިޒާމަކަށް ބަދަލުކުރުމެވެ.
އެގޮތުން އަތޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް އެޅުމާއި، ތަޢުލީމީ މަރުކަޒުތަކުގެ ގޮފިތައް އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްތައް ފައްޓަވާފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ.
ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއިއެކު، މާލެ ސަރަޙައްދަށް ބޭނުންވާ ތަރައްޤީގެމަތިން ހަނދާން ނައްތަވާނުލައްވާނެކަމަށެވެ. ޚާއްސަކޮށް އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މާލެ ސަރަޙައްދަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރާއިރު، އަޅުގަނޑުމެންގެ އަމާޒުން މާލެ ކައްސާލައިގެނެއް ނުދޭ. ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް މާލެ ސަރަޙައްދުގައި ފެށުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ މާލެ ސަރަޙައްދުގައި 4000ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް މިއަހަރުގެ މަރޗްމަހު އިއުލާން ކުރައްވާފައެވެ. މީގެތެރޭގައި ހިމެނޭ "ފަހި ދިރިއުޅުން" މަޝްރޫޢުގެދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވަނީ 1700ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައެވެ.
މިއަހަރުގެ އޮގަސްޓްމަހު ފްލެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އިތުރު އެހެން ރަށަކުން އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭނެ 51ހާހަށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދާކަމަށެވެ.
އަދި މާލޭގެ ރަށްވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅޭގޮތުން މަޖިލީހުގައި މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރ އަސްލަމްވަނީ، މާލެ ސަރަޙައްދަށް ޚާއްސަކޮށްގެން 10ހާހަށްވުރެ ގިނަ ހައުސިންގޔުނިޓްގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް ވިދާޅުވެފައެވެ. މީގެތެރޭގައި ގުޅީފަޅުގައި ތަރައްޤީކުރާ 1200ރޯހައުސްވެސް ހިމެނެއެވެ.