ޚަބަރު

ސައޫދީ ތަހްޤީޤް ޓީމް ރާއްޖެ އަތުވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން
ދަތުރުކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިޘާގެ ތަހުގީގަށް
އެހީތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ތަހުގީގީ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.




މި ހާދިޘާގެ އިތުރު މައުލޫމާތު ބައިނަލްއަގްވާމީ
މީޑިޔާތަކަށް ދިނުމަށް ސްރީލަންކާގެ ތާޖް ސަމުދްރާގައި ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، މުޙައްމަދު
ޙުސައިން ޝަރީފް ވިދާޅުވީ ސައުދީ ސަރުކާރުގެ ހާއްސަ މަތިންދާ ބޯޓެއްގައި އައި
މިޓީމުގައި ފޮރެންސިކް އަދި ފަންނީ މީހުން ހިމެނޭ ކަމަށެވެ. 

އަދި، މާދަމާގެ
ވަގުތެއްގައި އިންޑިޔާގެ އެކްސްޕާރޓަކާއި އޮސްޓްރޭލިއާގެ އެކްސްޕާރޓެއް ރާއްޖެ
އަންނާނެ ކަމަށް ބެލެވޭ ކަމަށް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. މި
ޓީމުތައް ހަރަކާތްތެރިވާނީ ރާއްޖޭގެ ތަހުގީގީ ޓީމުތަކާއެކު ކަމަށްވެސް މުޙައްމަދު
ޙުސައިން ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން،ސްރީލަންކާ ސަރުކާރައިވެސް މަޝްވަރާކުރެވިފައިވާ ކަމަށާއި، މި ހާދިސާގެ ތަހުގީގަށް ސްރީލަންކާ ސަރުކާރުން އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން އަރުވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މި ހާދިސާ ހިނގާފައި
ވަނީ ކޮން ގޮތަކަށްތޯ ބައިނަލްއަގްވާމީ މީޑިޔާ އިން ސުވާލުކުރުމުން ޝަރީފް
ވިދާޅުވީ އެހެން އިތުރު ގޮތަކަށް ބެލުމުގެ ކުރިން، އެންމެ ފުރަތަމަ ސަރުކާރުން
ބައްލަވާނީ މީ އެކްސިޑެންޓެއްތޯ ކަމަށާއި ރާއްޖެއާ ބޭރުގެ ތަހުގީގީ ޓީމްގެ
އެހީގައި މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރެވޭނޭ ކަމުގެ ޔަގީންކަން އެބައޮތް
ކަމަށެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިނަލްއަގްވާމީ ގިނަ
މީޑިޔާތަކާއި ލަންކާގެ މީޑިޔާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން، އޭއެފްޕީ،
އޭޕީ، ރޮއިޓަރޒް، ޒިންހުއާ ފަދަ މީޑިޔާތަކުން މި ބައްދަލުވުމުގައި
ބައިވެރިވެފައިވެއެވެ.