ޚަބަރު

ރައީސްގެ ސަލާމަތީ ކަންކަން ވަރުގަދަކުރަންޖެހޭ-މަޖިލީހުގެ ރައީސް


ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި އެއްޗެއް
ގޮވާ މިއަދު ހާދިސާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވި
ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ތިއްބެވި ލޯންޗުކޮޅުގައި
އެއްޗެއް ގޮވައި ހިނގި ނުރައްކާތެރި ހާދިޘާގެ ޙަބަރު އެމަނިކުފާނަށް
ލިބިވަޑައިގަތީ ކުއްލި ސިހުމާއި ފުން ހިތާމައާއި އެކުކަމަށް ވިދާޅުވެފައިވެއެވެ.



އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ
ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅުގައި މިފަދަ ނުރައްކާތެރި ހާދިޘާއެއް ހިނގީ
ކީއްވެތޯ ބެލުމަށްޓަކައި ފުރިހަމަ ތަހްޤީޤެއް ހިންގަންޖެހޭކަމަށް މަޖިލީހުގެ
ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކުރިމަގަށް ވިސްނައި ސަލާމަތީ ގޮތުން
ކަންތައްތައް ވަރުގަދަކުރަންޖެހޭކަމަށާއި، އަދި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް
ބަލާ އެފިޔަވަޅުތައް އަޅަންޖެހޭކަމަށްވެސް މަޖިލީހުގެ ރައީސްގެ ބަޔާނުގައިވެއެވެ.



މަޖިލީހުގެ ރައީސްގެ ބަޔާނުގައި މިހާދިޘާގައި
ރައީސުލްޖުމްހޫރިއްޔާއަށް ހާނިއްކައެއް ލިބިވަޑައިނުގެން ސަލާމަތް
ވެވަޑައިގެންފައިވާތީ މާތްﷲއަށް ހަމްދާއި ޝުކުރުއަދާކޮށް، އަދި މިހާދިޘާގައި
ހާނިއްކަވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.