ރައީސުލްޖުމުހޫރިއްޔާގެ
ދެކަނބަލުން ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮވި ޙާދިޞާގައި ރައީސްގެ
އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ބުރަކަށިފުޅަށް އަނިޔާލިބިފައިވާ ކަމަށް
ރައިސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް
ވިދާޅުވެއްޖެ އެވެ.
ޓީވީއެމް ޚަބަރަށް
ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ޝަރީފް ވިދާޅުވީ، ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީގެ ސީދާ މައިބަދަފުޅަށްް
ނުރައްކާތެރި އަނިޔާއެއް ނުލިބުނު ނަމަވެސް ބުރަކަށިފުޅުގައި ފްރަކްޗަރ ތައް
އެބަހުރިކަމަށެވެ. އެހެން ކަމުން ބެޑް ރެސްޓްގައި އޮންނަވަން ޖެހިވަޑައިގަންނަވާނޭކަމަށް
ޑޮކްޓަރުން ލަފާއަރުވާފައިވާކަމަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
"
ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގައި އެކަމަނާ އަދި ބެޑް ރެސްޓުގައި އޮންނަވަން
ޖެހިވަޑައިގަންނަވާނީ. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ އަވަސް އަދި ފުރިހަމަ
ޝިފާއެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދެއްވާފައި ވަނީ.
ނަސީބުވެސް ރަނގަޅޭ ދަންނަވަން ޖެހެނީ. ސީދާ މައިބަދަފުޅަށް ގެއްލުން ތަކެއް
ލިބިވަޑައިގެންފައެއްނުވޭ. " ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ
މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.
މި ހާދިޞާގައި ދެން
އަނިޔާވި ހަށިފާރަވެރިޔާ ނާސިރާއި، ރައީސް
އޮފީހުގެ އަންޑަރ ސެކެޓްރީ ފާތިމަތު މުހައްމަދު ޞޯލިހް ގެ ހަށިގަނޑުގެ ބައެއް
ތަންތަން ފިހިފައިވާ ކަމަށާއި، އޭގެ ތެރެއިން
ނާސިރުގެ އަތާއި ފަޔާއި އިނގިލިތައް ފިހިފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވި
އެވެ.
މިޙާދިޞާ އާއި
ގުޅިގެން ބޭރުގެ ބައެއް ޤައުމުތަކުގެ އިސްވެރިން ވަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ
އަށް ގުޅުއްވާ މިހާދިޞާގެ މަޢުލޫމާތު ހޯއްދަވާފައެވެ. އެގޮތުން އިންޑިޔާގެ ބޮޑުވަޒީރު
ނަރެންދުރަ މޯދީ އަންގަވައިގެން އިންޑިއާގެ އިސްބޭފުޅުން ގުޅުއްވި ކަމަށާއި، އޭގެ
އިތުރުން، ސައުދީ އަރަބިޔާގެ ރަސްގެފާނާއި، ވަލީ އަހްދު ގެ އިތުރުން ޑިފެންސް މިނިސްޓަރ ގެ ފަރާތްޕުޅުންވެސް ގުޅުއްވާ މަޢުލޫމާތު
ހޯއްދަވާފައިވާ ކަމަށް ވިދާޅުވިއެވެ.
" އެންމެ
ފުރަތަމަ އަޅުގަނޑުމެންނަށް ގުޅުއްވި އެއްބޭފުޅަކީ ސީދާ އިންޑިއާގެ ބޮޑުވަޒީރު
ނަރިންދަ މޯދީގެ އެދިވަޑައިގަތުމަކަށް އިންޑިއާގެ ބޭފުޅުން. ސީދާ އެމަނިކުފާނު
ރައީސް ޔާމީން އަށް ފޮނުއްވި މެސެޖަކީ، އިންޑިއާއިން މިކަމުގައި އަޅުގަނޑުމެން
ބޭނުންވި ކޮންމެ ބާވަތެއްގެ އެހީތެރިކަމެއްވެސް ދޭން ތައްޔާރަށް ތިބި ވާހަކަ.
"
" އޭގެ
އިތުރުން، ސައުދީ ރަސްގެ ފާނާއި، ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރ ގެ
ފަރާތްޕުޅުންވެސް ސަރުދީ ސަރުކާރުގެ ބޭފުޅުން އަޅުގަނޑުމެންނާ ވާހަކަ ދައްކަވަމުން
ގެންދެވި. ސީދާ ޑިފެންސް މިނިސްޓަރ މުހައްމަދު ބިން ސަލްމާން ވެސް ރައީސް އާ
ވާހަކަފުޅު ދެއްކެވި "
މީގެ އިތުރުން މި
ޙާދިޞާގެ ތަޙްޤީޤަށް އެހީތެރިވުމަށްޓަކައި މިރޭ ސަޢުދީ އަރަބިޔާގެ އޮފިޝަލުން
ރާއްޖެ ވަޑައިގެންނަވާނެކަމަށާއި އަދި އެމެރިކާގެ ބޭފުޅަކުވެސް މިރޭ ރާއްޖެ
ވަޑައިގަންނަވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.