ޚަބަރު

ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ޤާއިމްކުރި ލެބޯރެޓަރީ ހުޅުވައިފި


ބ.އަތޮޅުގެ ދެ ރިސޯޓެއްގެ އެހީތެރިކަމާއެކު، ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ޤާއިމްކުރި ލެބޯރެޓަރީ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ސިއްޙީ މަރުކަޒުގައި ބޭއްވި ރަސްމިޔާތުގައި މިލެބޯރެޓަރީ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އެވެ. މި ރަސްމިޔާތުގައި މިނިސްޓަރ ބައިވެރި ވެވަޑައިގެންނެވީ އޮންލައިންކޮށެވެެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖޭގެ ޞިއްޙީ ނިޒާމް ކުރިއެރުވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ނިޒާމް ކުރިއަށްގެންދިއުމުގައި ރިސޯޓްތަކާ ކައުންސިލްތައް ގުޅިގެން މަސައްކަތްކޮށް މިފަދަ ނަމޫނާ ދެއްކުމަށް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.

ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޤާއިމްކުރި މި ލެބޯރެޓަރީން ޚިދުމަތް ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި ލެބޯރެޓަރީން ގަޑިއަކު 96 ސާމްޕަލް ޓެސްޓްކުރެވޭނެ ކަމަށާ، ޓެސްޓް ހެދުމުގައި އަމަލު ކުރާނީ އެޗްޕީއޭގެ ގައިޑް ލައިނާއެއްގޮތަށް ކަމަށް ދަރަވަންދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތުދެއްވައެވެ.

ބ.އަތޮޅުގެ ދެ ރިސޯޓެއްގެ އެހީތެރިކަމާއެކު ދަރަވަންދޫގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ޤާއިމްކުރި ލެބޯރެޓަރީ ހުޅުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން، ވަކިން ޚާއްސަކޮށް ބ.އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމެއް ކަމަށާއި އަދި މިކަމަކީ އެއަތޮޅަށް ދަތުރުކުރާ ފަތުރުވެރިންގެ އިތުރުން އެސަރަހައްދުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅުނު ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް މިދެ ރިސޯޓުން ބުނެއެވެ.

"ކޯވިޑް 19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންގެންދާ ބުރަ މަސައްކަތުގައި ބައިވެރިވެ ފަތުރުވެރިންނަށާ ވަކިން ޚާއްސަކޮށް މިސަރަހައްދުގެ ރައްޔިތުންނަށް ކައިރިން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގަ އަދި މިޚިދުމަތް ފޯރުކޮށްދިނުމުގައި ދަރަވަންދޫ ކައުންސިލުން ދެއްވި އެއްބާރުލުމާ އެޙީތެރިކަން ފާހަގަކޮށް އެފަރާތައް ޝުކުރު އަދާކުރަން. އަދި މިކަމުގެ ސަބަބުން ބ.އަތޮޅުގެ ސިއްޙީ ދާއިރާއާ އޮތްގުޅުން ބަދަހިކުރެވޭނެކަމެއްކަމަށް ދެކެން" ނޯޓިލަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އަޝްރަފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތުގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް އާ މި ޙިދުމަތް ދިނުމުގައި އެހީތެރިވެދެއްވި ދެރިސޯޓްގެ އިސްވެރިން ބައިވެރިވެފަވެއެވެ.