ރާއްޖޭގެ 32 ރަށަކަށް އައުޓްޑޯރ ޖިމްގެތަކެތި ގެންގޮސް އިންސްޓޯލް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައި ވަނީ ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމަށްޓަކާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި ސިނާން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.
މި 32 އައުޓްޑޯރ ޖިމްތަކަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރޭގައި ހިމެނޭ ޖިމްތަކެކެވެ. މި މަސައްކަތް ކުރުމަށް ސިނާން ގްރޫޕާއި ޙަވާލުކޮށްފައި ވަނީ 4.1 މިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ އިކުއިޕްމަންޓް އިންޑިއާ ސަރުކާރުން ރާއްޖެއާއި ޙަވާލުކޮށްފައި ވަނީ މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 8 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން ހިންގާ މަޝްރޫއެކެވެ.
މި އައުޓްޑޯ ޖީމްތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތައް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚާއްސަކޮށް މި ޖިމްތަކުގެ ސަބަބުން ރަށްތަކުގައި ސްޕޯޓްސް ކައުންސިލަރުންނަށް އެކިއެކި ހަރަކާތްތައް ހިންގުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.