ވިޔަފާރި

ޑަބްލިޔުޓީއެމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އެއް ފެއާކަމަށްވާ، ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން، ޑަބްލިޔުޓީއެމް ވާޗުއަލްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުމާއި އެހެނިހެން ކަންކަމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ވާޗުއަލްކޮށް ބޭއްވުމަށް ނިންމާފައިވާ މިފެއާ ކުރިއަށް ދާނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ފެއަރގައި އެމްއެމްޕީއާރުސީއާއި އެކު ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ސަން ސިޔާމް ރިސޯޓްސް، ރެޑިސަން ބްލޫ ރިސޯޓްސް މޯލްޑިވްސް އަދި ރޮބިންސަން ކްލަބް މޯލްޑިވްސްއިން މި އަހަރުގެ ވާޗުއަލް ފެއާގައި ވަނީ ބައިވެރިވެފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މިފެއާގައި މިއަހަރު އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ކޯވިޑް-19ގެ ބަލިމަޑުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމަށެވެ.

އެގޮތުން މިއަހަރުގެ ފެއަރގައި ލައިވް ކޮންފަރެންސް ސެޝަންތަކާއި ފޯރަމްތައް ބާއްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ދަތުރުފަތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތްކުރާނެކަމަށްވެސް ފެއަރ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީން ހާމަކުރާގޮތުގައި މި ވާޗުއަލް ފެއާގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރި ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުގެ އިތުރުން، މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެއާގައި އެމްއެމްޕީއާރުސީން ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޒަމާނީ އާ ހިޔާލުތަކާ ގުޅޭގޮތުން ބާއްވާ ލައިވް ކޮންފަރެންސް ސެޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ވަން-ޓު-ވަން މީޓިންތަކާއި ސްޕީޑިން ނެޓްވޯކިން ސެޝަންތަކުގައި ބައިވެރިވާނެއެވެ.

އަދި ރާއްޖެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައި އޮތުމަކީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިން ދަތުރުކުރަން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ޑަބްލިޔުޓީއެމް ވާޗުއަލްގައި ބައިވެރިވުމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވިދާޅުވީ މިއީރާއްޖެ އަކީ މުޅި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ޑަބްލިޔު.ޓީ. އެމް ވާޗުއަލް 2020 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އިވެންޓް. މި އިވެންޓުގައި ބައިވެރިވެ، އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިންނަށް ޔަގީންކަން އަރުވަން ދިވެހިރާއްޖެ އަކީ އެންމެ ރައްކާތެރި މަންޒިލްކަން. އަދި އަޅުގަނޑުމެން އަމާޒަކީ މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުން އިތުރުކޮށް، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން." ޠައްޔިބު ވިދާޅުވި އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އިޝްތިހާކުރަމުން އައި ގޮތް ބަދަލުކޮށް، އެމްއެމްޕީއާރުސީން ވަނީ އޮންލައިން އަދި ޑިޖިޓަލް ފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ. އެގޮތުން ޑަބްލިޔުޓީއެމް ވާޗުއަލް އަކީ މިފަދަ އެއް އިވެންޓެވެ. ވިޒިޓް މޯލްޑިވްސްއިން އަންނަނީ ރާއްޖެ އިޝްތިހާރުކުރަން ގިނަ އޮންލައިން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ރާއްޖޭގެ ބޯޑަރު މާރޗް މަހު ބަންދުކުރުމާ ހަމައަށް އިނގިރޭސިވިލާތުން ވަނީ 32,818 ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި އަލުން ބޯޑަރ ހުޅުވާލި ފަހުން، މިދިޔަ މަހުގެ ނިޔަލަށް 3,737 ފަތުރުވެރިން ޒިޔާރަތްކޮށް، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައި އިނގިރޭސިވިލާތް ވަނީ ހިމެނިފަ އެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިދިޔަ މަހުގެ ނިޔަލަށް ދިވެހިރާއްޖެ ވަނީ 40,000 އަށްވުރެ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.