ތަޢުލީމު

ހުވަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 4 ކްލާސް ރޫމް ހުޅުވައިފި


ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި ކްލާސް ރޫމްތައް މިއަދު ހުޅުވައިފިއެވެ. މިއަދު ހެނދުނު އެކަމަށްޓަކައި އެ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 4 ކްލާސް ރޫމްގެ އާ އިމާރާތް ހުޅުވާދެއްވީ ފަރެސްމާތޮޑާ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަޝްރަފް ރަޝީދެވެ. ހުވަދޫ ސްކޫލްގައި ޖުމްލަ 228 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު، ނުވަލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަލަށް އިމާރާތްކުރި 4 ކްލާސްރޫމާއިއެކު މިހާރު އެ ސްކޫލްގައި 10 ކްލާސް ރޫމް އިމާރަތްކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. ހުވަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލުގައި އާ ކްލާސްރޫމްތަކެއް އެޅުމަށް އެންމެ ފުރަތަމަ ބަޔަކާއި ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން، މިދިޔަ އަހަރުގެ އޯގަސްޓް މަހު އެހެން ކުންފުންޏެއް ކަމަށްވާ ޑީ.އެމް.އެން. ހާޑްވެއަރއަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.