ޚަބަރު

ބ.ހިތާދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި


ބ.ހިތާދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ކުރަމުންދަނީ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓް ކިޔާ ކުންފުންޏަކުންނެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ފެން އުފެއްދުމަށް ބޭނުންކުރާ އާރު އޯ ޕްލާންޓް ބަހައްޓާ އިމާރާތްއެޅުމާއި، އެސަރަހައްދު ސާފު ކުރުމުގެ މަސައްކަތެވެ.

ހިތާދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނު މިއަހަރުގެ ޖުލައި މަހުގެތެރޭގައި ވަނީ އެރަށަށް ގެންގޮސްފައެވެ. ދެއަހަރު ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ މިމަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ޑިޒައިނަށް ގެންނަން ޖެހުނު ބަދަލުގެ ސަބަބުން ކަމަށް މިމަސައްކަތް ކުރާ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުން ރާއްޖެއިން ބޭރުން ގެނައުމުގައި ދަތިތަކާ ކުރިމަތިވުމަކީވެސް މި މަސައްކަތް ނުފެށި ލަސްވެގެންދިޔަ ސަބަބެއް ކަމަށް ކޮންޓްރެކްޓަރ އާ ހަވާލާދީ ހިތާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއްވެސް ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓް ކުންފުނިންނެވެ. މިމަޝްރޫޢުގެ ދަށުން އެރަށުގެ ހުރިހާ ގޭބިސީތަކަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާދީ، އެރަށުގެ ފެނާއި ނަރުދަމާގެ ވިޔުގައެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިދާރީ އޮފީސް ހެދުމާއި، ފެން ރައްކާކުރުމަށް ސްޓޯރޭޖެއް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭވަރުވާނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އާ ހަވާލާދީ ހިތާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

އާބާދީގައި 1400 މީހުން ދިރިއުޅޭ ހިތާދޫ ފެންފަށަލަ ހަލާކުވެ އެ ފެން އެއްވެސް ކަމަކަށް ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ރަށުގެ ގިނަ ގެތަކުގައި ފެންވެރުމަށްވެސް ވާރޭފެންދަނީ ބޭނުން ކުރަމުންނެވެ.