ވިޔަފާރި

ބަޖެޓް 2021: ފަތުރުވެރިކަން އިސްތިހާރުކުރުމަށް 154 މިލިއަން ރުފިޔާ


ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 154 މިލިއަން ރުފިޔާ ހިމެނުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް 154 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރަށްވެސް ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކަނޑައަޅާފައިވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

2020 ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މިދިޔަ ޖުލައިމަހުގެ 15ގައި ފަތުރުވެރިކަމަށް އަލުން ހުޅުވާލުމާއެކު ފާއިތުވި ދުވަސްތަކުގައި ދަނީ އުއްމީދީ ނިޝާންތަކެއް ފެންނަމުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެއާލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށައިގަންނަމުން ކަމަށާއި އާ އެއާލައިންތައްވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ފަށަމުން ކަމަށެވެ. އަދި އިތުރު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ދަނީ އަލުން ހުޅުވަމުން ކަން ފާހަގަކުރައްވާ ގައުމުތަކުން ދަނީ ރާއްޖެއިން ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިތައް ދެމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދުވަހަކަށްވުރެ ދުވަހެއް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ދަނީ އިތުރުވަމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ހޯދާ ކުރިއެރުން އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރުން. ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓު ކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ވާނީ ދީފައި. ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ ވާނީ މިބަޖެޓުގައި ކަނޑައަޅާފައި،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް އެމްއެމްޕީއާރްސީންވަނީ ގިނަ ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ވަރޗުއަލްކޮށް ބޭއްވި ގިނަ ފެއަރތަކެއްގައި ރާއްޖެވަނީ އިޝްތިހާރުކޮށްފައެވެ. އަދި ބައެއް ފެއަރތަކަށް ގޮސް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްވެސްވަނީ ކޮށްފައެވެ.

މި ޚަރަކާތްތަކުގެ އިތުރުންވެސް ޓޫރިޒަމް މިނިސްޓްރީން ދަނީ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ ޚަރަކާތްތައް ކުރިއަށްގެންދަމުންނެވެ.