ޚަބަރު

ރާއްޖޭގައި އިންވެސްޓްކުރުމަށް ނަގާ ލޯނުތަކަށް ދައުލަތުގެ ގެރެންޓީ




ރާއްޖޭގައި އިންވެސްޓް ކުރުމަށް ނަގާ ލޯނުތަކުގެ ތެރެއިން ހަތަރު
ޕަސެންޓަށްވުރެ އިންޓަރެސްޓް ރޭޓް ދަށް ލޯނުތަކަށް، ދައުލަތުގެ ގެރެންޓީ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.



ލޯނުތަކަށް
ދައުލަތުން ގެރެންޓީ ދޭން ނިންމެވިކަން އިއުލާންކޮށްފައިވަނީ، ދުނިޔޭގެ
ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ
ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޙިތާބުގައެވެ.



މިޙިތާބުގައި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން
ރާއްޖޭގައި އިންވެސްޓް ކުރުމަށް
ނަގާ ލޯނުގެ ތެރެއިން ހުރިހާ ޗާރޖުތަކެއް ހިމެނޭގޮތަށް، ހަތަރެއް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ދަށް
ލޯނުތަކަށް، ސޮވެރިން ގެރެންޓީ ދޭން
ސަރުކާރުން ވަނީ ނިންމާފައިވާކަމަށެވެ.



އެހެންނަމަވެސް، ސޮވެރިން ގެރެންޓީ ދޭގޮތަށް ހަމަޖެހިފައިވަނީ،
ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކަށް
އިންވެސްޓް ކުރުމަށް ނަގާ ލޯނު ތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވެފައިވެއެވެ.



"ފަތުރުވެރިކަމުގެ
ޞިނާޢަތުގައި އިންވެސްޓްކުރާ ފަރާތްތަކަށް ސޮވެރިން ގެރެންޓީ ލިބިގެން ދިއުމަކީ، މި ދާއިރާގައި އިންވެސްޓްކުރާ
ފަރާތްތަކަށް ފަސޭހަކަމާއެކު ލޯނު
ލިބުމުގެ މަގު ތަނަވަސްވެގެންދާނޭ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ" ރައީސުލްޖުމްހޫރިއްޔާގެ
ޙިތާބުގައި ވިދާޅުވެފައިވެއެވެ.



އަދި ފަތުރުވެރިކަމުގެ
ޞިނާޢަތުގައި އިންވެސްޓްކުރާ ފަރާތްތަކަށް ސޮވެރިން ގެރެންޓީ ލިބިގެން ދިއުމަކީ، މި ދާއިރާގައި އިންވެސްޓްކުރާ
ފަރާތްތަކަށް ފަސޭހަކަމާއެކު ލޯނު
ލިބުމުގެ މަގު ތަނަވަސްވެގެންދާނޭ ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގެންނަވާކަމަށް ރައީސުލްޖުމްހުރިއްޔާގެ
ހިތާބުގައި ވިދާޅުވެފައިވެއެވެ.



މީގެ
އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ
ހޯދައިދިނުމަށްޓަކައި، ސަރުކާރުން
ފަހިކޮށްދެވެންހުރި ކަންކަން ފަހިކޮށްދެމުންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކޮށް ޑައިވަރސިފައި
ކުރުމަށްޓަކައި ކުރަންޖެހޭ
ކަންތައްތަކާއި، އެކަމަށްޓަކައި އަލަށް ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލުމާއި އަދި މިހާރު ޢަމަލު
ކުރަމުންގެންދާ އޮނިގަނޑަށް
ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަށްވަމުންދާކަމަށް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



އަދި ފަތުރުވެރިކަމަކީ
އެތަކެއް ވަޒީފާގެ ފުރުޞަތު އުފައްދާ ޞިނާޢަތެއްކަމުން، އެ ޞިނާޢަތް ހިންގަވަން
ތިއްބެވި ފަރާތްތަކުންވެސް ދިވެހިންނަށް ވަޒީފާ ދެއްވުމަށް އިތުރަށް ބާރުއަޅުއްވައި، ފަތުރުވެރިކަމުގެ
ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް
އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.



ރައީސްގެ
ޙިތާބުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ
ޞިނާޢަތު ބޮއިކޮޓް ކުރުމަށް ގޮވާލައި، އެކިއެކި ވަސީލަތްތައް މެދުވެރިކޮށް، އެތެރެއިންނާއި ބޭރުން
މަސައްކަތް ކުރަމުން ގެންދާކަން ހިތާމައާއި
ފާހަގަކޮށް، އެކަން ކުށްވެރިކުރައްވާފައިވެއެވެ.



"އަދި،
ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް
ގޮވާލާ
ގޮވާލުންތަކުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކަށް، އެފަދަ ފަރާތްތަކުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަންޖެހޭނެ
ކަމަށް އަޅުގަނޑު ދެކެމެވެ.
ޝައްކެއްނެތްގޮތުގައި، ބާރު ދުވެއްޔެއްގައި ތަރައްޤީ ވަމުން އަންނަ މި ޞިނާޢަތަށް ހުރަސް އެޅޭގޮތަށް އެއްވެސް
ފަރާތަކުން މަސައްކަތްކުރުމަކީ،
ރާއްޖެދެކެ އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންދެކެ ލޯބިވާ ފަރާތަކުން ކޮށްގެންވާނޭ ކަމެއްނޫނެވެ"
ރައީސްގެ ޙިތާބުގައި ވިދާޅުވެފައިވެއެވެ.