ޚަބަރު

ބ ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް އަލުން ފަށައިފި


ބ.ގޮއިދޫ ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އާރު އޯ ޕްލާންޓް ބަހައްޓާ އިމާރާތް އެޅުމުގެ މަސައްކަތްކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ބުނެފިއެވެ.

އެކުންފުނިން ބުނީ އެ މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެންކަމަށާއި މަސައްކަތް މެދު ކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް އަލުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ހަދާ އިމާރާތުގެ މަސައްކަތްކަމަށާ، މިމަސައްކަތުގެ 12 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެ އިތުރުން ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާ އެހެނިހެން ސާމާނު އެރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

"މި ކަމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާންދިމާވި ސަބަބުތަކުގެ ތެރޭގައި، އަލަށް އެކުލަވާލި ފެނާ ނަރުދަމާގެ ޤާނޫނަށް ގެނައި ބަދަލާއި، ޑިޒަިނަށް ގެންނަންޖެހުނު ބަދަލުތަކާ އަދި ޑިޒައިން އެޕްރޫވް ކުރުމަށް ހޭދަވި ދުވަސް އިތުރުވުމުން އަސްލު މިހާލަހުން މިކަމުގެ އަމަލީ މަސައްކަތް ފެށުން ލަސްވެގެންދިޔައީ، އަދި ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ މުވައްޒަފުންތަކެއް ކަރަންޓީން ވާނެޖެހުމާ، ކޮންސްޓަރަކްޝަން މަސައްކަތްކުރުމަށް ފަންނީ މީހުން ކޯވިޑް 19 އާ ގުޅިގެން ފޮނުވުން ލަސްވުމުން މި މަޝްރުއޫގެ މަސައްކަތް ލަސްވެގެންދިޔައީ" އެމް.ޑަބްލިއު.އެސް.ސީ އިން ބުންޏެވެ.


މި މަޝްރުއޫގެ ދަށުން އެރަށުގައި 12،992 މީޓަރުގެ ސަރަހައްދެއްގައި ފެން ހޮޅި އެޅުމާ، 8،373 މީޓަރުގެ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އަޅާނެއެވެ.

މި މަސައްކަތުގެ ދަށުން ގޮއިދޫގެ 213 ގެއަކަށް ފެނާ ނަރުދަމާ ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއު ޑިޒައިންކޮށް ފެންހޮޅި އެޅުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށް މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ.

މި މަޝްރުއޫގެ މަސައްކަތް ނިންމަން ޖެހެނީ އަންނަ އަހަރުގެ ޖުލައިމަހުގެ 4 ގެ ކުރިންނެވެ.

މި މުޅި މަޝްރުއޫގެ 5 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޑަބުލިޔުއެސްސީން ވިދާޅުވެއެވެ.