ސިޔާސީ ޙަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނާ މައްސަލާގައި އިދިކޮޅުފަރާތްތަކުން އިލެކްޝަން ކޮމިޝަނާ ބައްދަލު ކޮށްފިއެވެ.
މިއަދު ބޭއްވި މިބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ޤާނޫނީގޮތުން ސިޔާސީ ޕާޓީތަކަށް ލިބިދޭން ކަނޑައަޅާފައިވާ ފައިސާ އިލެކްޝަން ކޮމިޝަނުން މިއަހަގގެ މިހާތަނަށްވެސް ޕީޕީއެމްއަށް ދީފައި ނުވާކަމަށެވެ. މިއީ ޕާޓީގެ ހަރަކާތްތައް ހިންގުމަށާއި، ޕާޓީން އިންތިޒާމުކުރާ ކަންކަން ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި ފާހަގަކޮށް މިފައިސާ އަވަހަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުވެސް ކުރިއަށް އޮތުމާއެކު، ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނެތްކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ. ޚާއްސަކޮށް އިދިކޮޅު ކޯލިޝަނަށް ކެންޕެއިން ކުރުމުގެ އެއްވެސް ފުރުސަތެއް ނެތްއިރު، ސަރުކާރުން އެކި އިވެންޓްތައް ބޭއްވުމުގެ ނަމުގައި އަތޮޅުތެރެއަށް ދަތުރުކޮށް ކެންޕެއިން ހަަރަކާތްތައް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޕާޓީތަކުގެ މެދުގައި ހަމަހަމަ ފުރުސަތު ޤާއިމްކޮށް ޤާނޫނުގައި ވާގޮތަށް އިލެކްޝަން ކޮމިޝަނުން އަމަލު ކުރުމަށް ގޮވާލާފައެވެ. އަދި އެގޮތަށް އަމަލު ނުކުރައްވާނަމަ ކޮމިޝަން ޒިންމާދާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަޖިލިސް ތެރެއިން ކުރާނެކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.