ތަޢުލީމު

އުދަ އިން ރައްކާތެރިވުމަށް ސްކޫލްތަކުން ފިޔަވަޅު އަޅަން ފަށައިފި




އުދަ
އެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސްކޫލުތަކުން ސަލާމަތީ
ފިޔަވަޅުތައް އަޅަމުންދާކަަމަށާއި، މިކަމުގައި ދަރިވަރުންނާއި ބެލެނިވެރިން
ރައްކާތެރިވެ ތިބުމަށް އެޑިޔުކޭޝަން މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ.

އެޑިޔުކޭޝަން
މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި، މިރޭ ފަތިހު ހިފާ ހަނދުކޭތައާއި ގުޅިގެން
ކަނޑުގެ ދިޔަވަރަށް އަންނާނެ ބަދަލުތަކާއެކު، ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ
އަރާފާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ލަފާކޮށްފައިވާތީ، އެކަމުން
ރައްކާތެރިވެ ތިބުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ
ޑޮކްޓަރ އައިޝަތު ޝިހާމް ވަނީ އިލްތިމާސްކުރައްވާފަވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ
ރަށްރަށަކީ ބިންތިރި ރަށްތަކަކަށް ވާތީ އުދަ އެރުމުގެ ނުރައްކާ އޮތުމުން، ދަރިވަރުންނާއި ބެލެނެވެރިންގެ ރައްކާތެރިކަމަށް ވީހާވެސް ސަމާލުކަން ދެއްވައި،
އެކަމުން ރައްކާތެރިވުމަށް
އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަށް އެދިލައްވާ ކަމަށެވެ.





ހަނދު ދުނިޔެއާއި ކައިރިވުމުން ކަނޑުގެ ލޮނުގަނޑަށް އަންނާނެ ކަމަށް ބެލެވޭ ބަދަލުތަކާ އެކު ރާއްޖޭގެ ކަނޑުގެ ބާނިތައް 3
ފޫޓާއި 6 ފޫޓަށް އުސްވާނެ ކަމަށް މެޓް
އޮފީހުން ލަފާކުރެއެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން 16 އަތޮޅެއްގެ 44
ރަށަކަށް އުދަ އެރުމުގެ ފުރުސަތު
އެހެން ރަށްރަށަށް ވުރެ ބޮޑުވެދާނެކަމަށްވެސް އެފަރާތުން ލަފާކުރެއެވެ.



 މި ކަމާއި ގުޅިގެން
މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފުންވަނީ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާ ވަގުތުތަކުގައި ކުޑަކުދިންނާއި
އަންހެނުން އަދި އުމުރުން ދުވަސްވީ
މީހުން މޫދާ ކައިރި ހިސާބުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.