ވިޔަފާރި

އިޙްސާން ފިހާރައިން ވިޔަފާރިކޮށްގެން ލިބޭ ޕޮއިންޓުން ބައެއް ރެސްޓޯރެންޓުތަކުގެ ބިލް ދައްކާލެވޭ


އިހްސާން ފިހާރައިން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭ ޕްރޮގްރާމެއް ފަށައިފިއެވެ.

"މަގޭ ވެސް" ލޯޔަލްޓީ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

މަގޭވެސް ލޯޔަލްޓީ ޕްރޮގްރާމް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް އިހްސާން ފިހާރަ-3 ގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

އިހްސާން ފިހާރައިގެ ލޯޔަލްޓީ ޕްރޮގްރާމަކީ އިހްސާން ފިހާރަތަކުން ވިޔަފާރިކޮށްގެން ޕޮއިންޓު ހޯދައިގެން އިހްސާން ފިހާރަތަކުން އަދި އެކުންފުނީގެ ބައެއް ޕާޓްނަރ ވިޔަފާރިތަކުންވެސް ވިޔަފާރި ކުރެވޭނެ ޕްރޮގްރާމެކެވެ.

އިހްސާން ފިހާރައިން ފަށާފައިވާ މަގޭވެސް ލޯޔަލްޓީ ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިހްސާން ފިހާރަ-3 ގެ މެނޭޖަރ އާދަމް ފަހުމީ ވިދާޅުވީ އުއްމީދަކީ ކުރިމަގުގައި މި ޕްރޮގްރާމް އިތުރަށް ފުޅާކުރުން ކަމަށެވެ.

" ކުރިއަށް އޮތްތާގައި މިއަށްވުރެ ފުޅާކޮށް، އިތުރު ތަންތަނުން ޕޮއިންޓު ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޓެކްސީތަކަށްވެސް ފައިސާ ދެއްކޭނެ ގޮތް ހެދުމަކީ އުއްމީދެއް،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މިހާރުވެސް މާލޭގެ 4 ރެސްޓޯރެންޓަކަށް ފައިސާ ދެއްކުމުގައި އިހްސާން ފިހާރައިން ހޯދާ ޕޮއިންޓު ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން އިހުސާންގެ ހަތަރު ފިހާރައާއި ލެމަންގްރާސް ރެސްޓޯރެންޓު، ސަބްމޯ، ޕިޓަރޕެން، ޓަރމިނަލް ކެފޭ އަދި ބެމްބޫ ރެސްޓޯރެންޓަށްވެސް ފައިސާ ދެއްކޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އިހްސާން ފިހާރައިން ލޯޔަލްޓީ ޕްރޮގްރާމްގެ ޕައިލެޓު ޕްރޮގްރާމް ފެށިފަހުން ދުވަސްތަކެއް ވެފައިވާއިރު، މިހާރު 7000އަށް ވުރެ ގިނަ ކަސްޓަމަރުން ލޯޔަލްޓީ ޕްރޮގްރާމްގައި ތިބި ކަން ފަހުމީ ފާހަގަކުރެއްވިއެވެ.

" މިހާރު އެބަތިބި 7000 ކަސްޓަމަރުން، އެފަރާތްތަކުގެ ޕޮއިންޓުތައް މިހާރުވެސް ބޭނުންކުރެވޭނެ، އަދި މިހާރުވެސް ކަސްޓަމަރުން މި ޕޮއިންޓުތައް ބޭނުންކޮށްގެން އިހްސާން ފިހާރައިން ވިޔަފާރި ކުރޭ،" ފަހުމީ ވިދާޅުވިއެވެ.

އިހްސާން ފިހާރައަކީ އާއްމުންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ފިހާރައެކެވެ. 1988ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ފެށި މިފިހާރައިގެ ވިޔަފާރި ފުޅާވެ އިހްސާންގެ ނަމުގައި ބޮޑު 4 ފިހާރައެއް މާލޭގައި ހުޅުވާފައެވެ. އަދި ކުރިމަގުގައި ހުޅުމާލޭގައި އިހްސާން ފިހާރައެއް ހުޅުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް އިހްސާން ފިހާރައިން މައުލޫމާތުދެއެވެ.