ޚަބަރު

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާ ސީޕްލޭން ޓަރމިނަލްގެ ޚިދުމަތް ފަށަނީ


އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާ ސީ ޕްލޭން ޓަރމިނަލްގެ ޚިދުމަތް ފަށާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވީ އާ ސީޕްލޭން ޓަރމިނަލްގެ ސްޓްރަކްޗަރަލް ބޮޑެތި ހުރިހާ މަސައްކަތްތައްވެސް ނިމިފައިވާކަމަށެވެ.

އާ ސީޕްލޭން ޓަރމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ 1.2ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ޓަރމިނަލް ތަރައްޤީކުރަނީ 28 އަކަމީޓަރުގެ ސަރަޙައްދެއްގައި، 4 ފަންގިފިލާއަށެވެ. ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ.

އާ ޓަރމިނަލްގެ އެންމެ ބޮޑު އެއް ބޭނަމަކީ ސީޕްލޭން ޑޮކްތަކުގެ ޖާގަ އިތުރުކުރުމެވެ. އެގޮތުން ޑޮކްތަކުގެ ޖާގަ %50އަށް އިތުރުކޮށް، 80އަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ ސީޕްލޭން ޓަރމިނަލްގެ ހުރިހާ މަސައްކަތްތައްހެން މިހާރު ނިމިފައިވާކަމަށެވެ.

"ކޮވިޑާއި ގުޅިގެން ކުޑަ މަޑުޖެހުމެއް މަސައްކަތްތަކަށް އައި. ނަމަވެސް މިހާރު ސީޕްލޭން ޓަރމިނަލް އެއްކޮށްހަލަ ގޮތަކަށް ވަނީ ނިމިފައި. އަންނަ އަހަރު ކުރީކޮޅު، ފުރަތަމަ ކުއާޓަރުގައި ބޭނުންކުރަން ފަށާނަން." ޙަސަން އަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގައިވެސް އޮޕަރޭޓްކުރާ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަ ޤައުމެވެ. ރާއްޖޭގައި މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންގެންދަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ރިސޯޓްތަކަށެވެ. އަލަށް ފަށާފައިވާ ސީ ޕްލޭން ޓަރމިނަލްގެ މަޝްރޫޢުއަކީ، މި ޚިދުމަތަށް ގިނަ ކުންފުނިތަކެއް ނިކުންނަމުން އަންނައިރު ބޭނުންވާ ޖާގައާއި، އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.