ޚަބަރު

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފި


އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީ، އެޗް.ސިކްސް ކެޓަގަރީން ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފިއެވެ.

"އެޗް ސިކްސް" ނުވަތަ އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓާއެކު، އެކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ޝަރުތުހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބުވަނީ ގެޒެޓްކޮށްފައެވެ.

އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައްވެސް ސަބަބާއެކު ވަގުތީ ލިސްޓުގައިވަނީ ފާހަގަކޮށްފައެވެ.

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތައް، ކޮމިޓީން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް ނުވަތަ ރޯހައުސް ނުވަތަ ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

އަދި H-6 ނުވަތަ އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް މަންމަ އާއި ބައްޕަ، ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، އެ ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް އެފަރާތަކަށް ކަމުގައިވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީންވަނީ ވިދާޅުވެފައެވެ.

"ހިޔާ" މަޝްރޫޢުގެ H-6 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން 16 ނޮވެންބަރުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

"ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ކަމަށްވެސް ކޮމިޓިންވަނީ ހާމަކުރައްވާފައެވެ.