ޚަބަރު

އެމް.ޓީ.ސީ.ޕީގެ ދަށުން ހިންގި ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި


މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ހިންގި "ސެޓްފިކެޓް އިން ހިއުމަން ޑިވެލޮޕްމަންޓް ޕްލޭން ޓުވަރޑްސް އިންމޭޓްސް" ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ. އެމް.ޓީ.ސީ.ޕީ ގެ ދަށުން ކަރެކްޝަނަލް އެކަޑަމީ އޮފް މެލޭޝިއާ ލަންކާވީ އިން އިންތިޒާމް ކޮށްގެން މެލޭޝިއާ ގައި ކުރިއަށް ގެންދިޔަ އެ ޓްރެއިނިންގ ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަތަރު އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ޓްރެއިނިންގ ޕްރޮގްރާމަކީ މެލޭޝިއާ ގެ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު ދިނުމަށާއި އެކި ގައުމުތަކުގެ ޖަލުތަކުގައި ހިންގާ އެކިއެކި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްގެން ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެއް ކަމަށެވެ. އެ ޓްރެއިނިންގް ޕްރޮގްރާމްގެ ބައިވެރިން މެލޭޝިއާގެ އެކި ޖަލުތަކަށް ޒިޔާރަތްކޮށް، އެޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާބެހޭ މައުލޫމާތު ހޯދާފައިވާ ކަމަށް އެފަރާތުން ހާމަކުރެއެވެ. މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމްވެސް ބައިވެރިވިއެވެ.