ބ.އަތޮޅު ކުޑަރިކިލާއި ކިހާދުއާއި ދޮންފަނުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ސަރވޭ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މީގެތެރެއިން ކުޑަރިކިލު ބަނދަރު ހެދުމަށް ކަނޑައަޅާފައި އޮތް ސަރަހައްދުގެ ސަރވޭ އިއްޔެވަނީ ނިމިފައެވެ.
މިސަރވޭގެ ދަށުން ކޮންމެ ރަށެއްގައިވެސް ބަނދަރުގެ މިހާރުގެ ފުންމިނާއި ބަނދަރުގެ ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފުންމިނާއި ފަޅުކޮންނަން ޖެހޭ ފުންމިން ވަނީ ބަލާފައެވެ. މިހާރު މިމަސައްކަތް ކުރިއަށްދަނީ ކިހާދޫގައެވެ. ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ، ބަނދަރުގެ ޑިޒައިން ސަރވޭގެ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ނިމޭނެކަމަށެވެ. ކިހާދުއަށްފަހު މަސައްކަތް ކުރިއަށްގެންދާނީ ދޮންފަނުގައެވެ.
މި މަޝްރުއޫގެ ހުރިހާކަމެއް ޙަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑާއެވެ. މި 3 ރަށުގައި ކުރިއަށްގެންދާ ސަރވޭގެ ދަށުން ކޮންމެ ރަށެއްގައިވެސް 3 ބެންޗް މާކް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ޒަމާންތަކެއް ވަންދެން ހައްލުނުވެއޮތް މި 3 ރަށުގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް މިސަރުކާރުން ކުރިއަށްގެންދާ މި މަޝްރުއޫއަށް 108.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވަނީ ސަރުކާރާ އޮފިޑާ ގުޅިގެންނެވެ. މި މަޝްރުއޫއަށް ސަރުކާރުން ޚަރަދުކުރުމަށް ނިންމާފައިވަނީ 23 އިންސަތަ އޯޕެކް ފަންޑް ފޮ އިންޓަރނޭޝަނަލް އޯފިޑުން %77އެވެ. މި ތިންރަށުގެ ބަނަދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު، 381 ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.