ސިއްހަތު

ލައިފް ސަޕޯޓް ފާމަސީ އައިޖީއެމްއެޗްގައި ހުޅުވުން


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ލައިފް ސަޕޯޓް ފާމަސީގެ ނަމުގައި ކުރިން ހުރި ފާމަސީ ބޮޑުކޮށް އަލުން ހުޅުވައިފިއެވެ. މި ފާމަސީ މިއަދު ހުޅުއްވައިދެއްވީ އެހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރުއެވެ. މިއަދު ހުޅުވުނު މި ފާމަސީގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރަމުން  ލައިފް ސަޕޯޓް ފާމަސީގެ ސީނިއަރ އޮޕަރޭޝަން މެނޭޖަރު އަބްދުﷲ މައުމޫނު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ފެށިގެން ހިންގަމުންދިޔަ ބޭސްފިހާރަ ބަންދުކޮށް މަރާމާތުކުރަން ޖެހުނީ އާއްމުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އާ ބަދަލުތަކާ އެކު އެކަންތައްތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.އަބްދުﷲ މައުމޫން ވިދާޅުވީ ފާމަސީއަށް ގެނައި ބަދަލާއެކު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްދިނުމަށްޓަކައި ކިއުގައި މަޑުނުކޮށް ޚިދުމަތްދޭނެ ޚާއްސަ ކައުންޓަރެއްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެއިން ބޭހެއް ނުލިބިއްޖެ ނަމަ ބޭސް ސިޓީ ހަވާލުކޮށްދިނުމުން އެބޭސް ހަފުތާއެއްގެ ތެރޭގައި ރާއްޖެ ގެނެސް އެފަރާތަކާއި ހަވާލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައުވިސް ގަޑިއިރު ޚިދުމަތްދޭ މި ފާމަސީއިން އާސަންދައިގެ ޚިދުމަތް ލިބޭއިރު އެލައިޑު އިންޝުއަރެންސް ކާޑުންވެސް މިފާމަސީއިން ޚިދުމަތް ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.