ޚަބަރު

ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންދިއުމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ގެނެސްފި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލަ ޢާއިލާއިން އެދުނުގޮތަށް ތަޙްޤީގުކުރުމަށް މަރު ކޮމިޝަނާއެކު މަސައްކަތް ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ގެނެސްފިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އާއިލާގެ އެދުމާއެއްގޮތަށް އިތުބާރުކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ތަހުޤީގު ޓީމުގައި ހިމަނައި އެމަސައްކަތް ކުރިއަށް ގެންދިމުގެ މަސައްކަތް ކުރަމުންގެންދާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޢިއުލާންކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގައެވެ.

ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުންވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްޞީލް އެކޮމިޝަނުން ދެއްވާފައެއް ނުވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ ޢާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް ކުރެއްވި ޓުވީޓު

ހުރަސްތަކާއި ދަތިތަކާއެކުވެސް ރިޟްވާނުގެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށްގެންދާނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކޮމިޝަނުން ވަނީ ރިޟުވާނު ގެއްލުވާލި މައްސަލައިގެ ތަހުޤީޤާއި ގުޅޭ ރިޕޯޓެއްވެސް ރައީސުލްޖުމުހޫރިއްޔާއަށް އަރުވާފައެވެ.

މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުން ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.

ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކަށް އެކަން ހިއްސާކުރުމަށް ފުރުޞަތު އެބައޮތްކަމަށްވެސް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ފަހުން ވަނީ ވިދާޅުވެފައެވެ.