ބްރެޒިލްގައި ބާއްވާ ފަތުރުވެރިކަމުގެ
އެންމެ ބޮޑު ފެއަރ ކަމުގައިވާ "އަބާވް އިންޓަރނޭޝަނަލް ޓޫރިޒަމް އެކްސްޕޯގައި"
 މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން،އެމްއެމްޕީއާރުސީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި
ހަރަކާތްތެރިވާ 13 ކުންފުންޏަކުން 20 ފަރާތުން ބައިވެރިވެއްޖެއެވެ.
 
މިއީ މި ފެއަރގައި ރާއްޖެއިން ބައިވެރިވި
ފުރަތަމަ ފަހަރެވެ.
 
މި މަހުގެ ސައުވީހުން މިއަދުގެ ނިޔަލަށް
ކުރިއަށްދާ މި ފެއަރގައި ބައިވެރިވި ވަފްދުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ
ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި  ޗެއަރމަން މުޙައްމަދު ޚަލީލް
ހިމެނިވަޑައިގަންނަވައެވެ.
 
އެމްއެމްޕީއާރުސީއިން ބުނީ މި ފެއަރގައި
ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ލެޓިން އެމެރިކާގެ ޤައުމްތަކުގައި
ރާއްޖެ އިތުރަށް އިޝްތިހާރުކޮށް އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި
ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުންތައް ޤާއިމްކުރުން ކަމަށެވެ. 
 
ފަސްދޮޅަސް ޤައުމަކުން ސާޅީސްހާހަށްވުރެ
ގިނަ ފަރާތަކުން މި އެކްޕޯގައި ބައިވެރިވެފައިވާ އިރު  އޭގެ ތެރޭގައި، ޓްރެވަލް އެޖެންސީތަކާއި،
އިވެންޓް ޕްލޭނަރުންނާއި ކޯރޕަރޭޓް ޓްރެވަލް އެޖެންސީތައް ހިމެނެއެވެ.
 
ރާއްޖޭގެ ފަތުރުވެރިކަމަށް ބްރެޒިލް އަކީ
އަދިވެސް ވަރަށް އާ ޤައުމެއް، އެގޮތުން ތަފާސް ހިސާބްތައް ދައްކާގޮތުން ދެހާސް
ސާދަ ވަނަ އަހަރު ތެރޭ އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ހަތަރުހާސް
ތިންސަތޭކަ ފަތުރުވެރިންނެވެ. އެ ސަރަޙައްދުގެ ޤައުމްތަކަށް ބަލާ އިރު ބްރެޒިލްއަކީ
ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަދި
މި ފަދަ އެކްސްޕޯތަކުގެ އެހީގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ
ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ ބޮޑަށް އިތުރުކުރެވިދާނެ ކަމަށް
އެމްއެމްޕީއާރުސީއިން ދެކެއެވެ.