ދުނިޔޭގެ ވިޔަފާރި

އަނެއްކާވެސް އެޕަލްގެ އިވެންޓެއް.... މިފަހަރު ނެރެނީ ކޯއްޗެއް؟


އެޕަލްގެ އުފެއްދުމެއް ނުވަތަ އުފެއްދުންތަކެއް ތަޢާރަފްކުރުމަށްް އަނެއްކާވެސް ޚާއްސަ އިވެންޓެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އެޕަލްގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މިއީ މިފަހުން އެޕަލްއިން ބާއްވާ މިފަދަ 3 ވަނަ ރަސްމިއްޔާތެވެ. އެޕަލްއިން އެންމެފަހުން ބޭއްވި 2 އިވެންޓްގައި އައިފޯނު ޓްވެލް ސީރީޒްގެ ފޯނުތައް ދައްކާލާފައިވާއިރު، އޭގެ ކުރިން ބޭއްވި އިވެންޓްގައި ވަނީ އައު އެޕަލްގެ ވޮޗް ސީރީޒް އަދި އައިޕެޑްގެ އައު އުފެއްދުންތަކެއް ތަޢާރަފްކޮށްފައެވެ.

އެޕަލްއިން މިހާރު ތައްޔާރުވަމުން ދަނީ މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަކަށެވެ. މި ރަސްމިއްޔާތަށް ނޫސްވެރިންނާއި އެޕަލްގެ ޑިވެލޮޕަރުންނަށް ދައުވަތު މިހާރު ވަނީ ފޮނުވާފައެވެ. ނަމަވެސް ރަސްމިއްޔާތުގެ މާބޮޑު ތަފްސީލެއް އެޕަލްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ދައުވަތު ކާޑުގައި ހަމައެކަނި ބުނެފައިވަނީ "ވަން މޯ ތިންގް"އެވެ.

އެޕަލްްއިން އަލަށް ތަޢާރަފްކުރަން އުޅެނީ ކޮން އުފެއްދުމެއްކަން ނޭނގުނަސް، ގިނަ ބަޔަކު ދަނީ އެކި ގޮތްގޮތަށް ލަފާކުރަމުންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެޕަލްއިން އަލަށް ތަޢާރަފްކުރަނީ އެކުންފުނީގެ އަމިއްލަ ޗިޕް ބޭނުންކޮށްގެން ތަރައްޤީކޮށްފައިވާ މެކް ކޮމްޕިއުޓަރގެ މޮޑެލްއެއްކަމަށެވެ. މިހާތަނަށް އެޕަލްގެ މެކް ކޮމްޕިއުޓަރތަކުގައި ބޭނުންކުރަމުން އައީ އިންޓެލް ކުންފުނީގެ ޗިޕްތަކެކެވެ، އެޕަލްގެ އަމިއްލަ ޗިޕްތައް އުފައްދާނެކަން މިއަހަރު ކުރީކޮޅުވެސް އެޕަލްއިން ވަނީ ހާމަކޮށްފައެވެ.

އެޕަލްގެ ޚާއްސަ ރަސްމިއްޔާތާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދިޔަސް އެޕަލްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެހެން އިވެންޓްތަކެކޭ އެއްގޮތަށް ނޮވެމްބަރު 10 ވަނަ ދުވަހު ބާއްވާ އިވެންޓްވެސް އޮންނާނީ އޮންލައިންކޮށްކަމަށް އެޕަލްއިން ބުނެއެވެ.