ޚަބަރު

ބެޔަސް ނުބެޔަސް ސްކީމްގެ އުސޫލްތައް ރިވިއު ކުރަނީ


ބެޔަސް ނުބެޔަސް ސްކީމްގެ އުސޫލްތައް ރިވިއު ކުރުމަށް ހަދަމުންދާ ކޯސްޓަލް ލަރނިންގ ސަރވޭ އަންނަ މަހު ނިންމާލެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.އެމިނިސްޓްރީން ބުނީ މި ސަރވޭގައި މަސްވެރިންނަށް ލިބޭ އާމްދަނީއާއި މަސްވެރިކަމަށް ޚަރަދުވާ އެކި ޚަރަދުތަކުގެ ތަފްސީލްތަކާއި ތެލަށާއި ފެނަށް ދާ ޚަރަދުވެސް ބަލަމުންދާކަމަށެވެ. މި ސަރވޭކުރަމުންދަނީ މަސްވެރިކަމަށް މަޝްހޫރު އަތޮޅުތަކަށް ބަލައިގެންކަމަށާއި ސަރވޭ ނިމުމުން ބެޔަސް ނުބެޔަސް ސްކީމް ރިވިއު ކުރެވިގެންދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރު ބެޔަސް ނުބެޔަސް ސްކީމްގައި އެއްވެސް އުޅަނދަކުން ބައިވެރިވެފައިނުވާކަމަށާއި މިހާތަނަށް އެ ސްކީމްގައި ބައިވެރިވެފައިވަނީ އެންމެ އުޅަނދަކުންކަމަށެވެ. އެ އުޅަނދަށް މިދިޔަ އަހަރު ތިން ބުރެއްގެ މަތިންވަނީ ފައިސާ ދޫކޮށްފައެވެ. މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެއްޖެ ނަމަ ފައިސާ ދޫކުރަނީ ބެޔަސްނުބެޔަސް ސްކީމްގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށެވެެ. މި ސްކީމްގައި ބައިވެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮވެގެން މަސްވެރިކަން ކުރާ ދޯނިފަހަރަށާއި އެ މިނިސްޓްރީން ވިއްކަމުން އަންނަ ވެސަލް ލޮކޭޓިން ޑިވައިސް ހަރުކޮށްފައިވާ މަސްދޯނިފަހަރަށެވެ. އަދި އެ ސްކީމްގައި ބައިވެރިވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން އެ ދޯންޏަކުން މިނިސްޓްރީއަށް ފައިސާ ދައްކަން ޖެހެއެވެ.ސްކީމްގެ ދަށުން ފަސްދޮޅަސް ފަސް ފޫޓަށް ވުރެ ބޮޑެތި އުޅަނދުފަހަރުން މަހަށް ދާ ކޮންމެ މަސްވެރިއަކަށް ދިހަހާސް ރުފިޔާ ލިބެއެވެ. މި ކެޓަގަރީގައި ހިމެނޭ މަސްވެރިން ޕްރިމިއަމްގެ ގޮތުގައި އަހަރަކަށް ހަހާސްރުފިޔާ ދައްކަންޖެހެއެވެ. އަދި 65-45 ފޫޓުގެ އުޅަނދުފަހަރުގައި މަހަށް ދާ މަސްވެރިންނަށް މަހަކު ފަސްހާސް ރުފިޔާލިބެއެވެ. އެ ބައިގައި ހިމެނޭ މަސްވެރިން، ޕްރިމިއަމްގެ ގޮތުގައި އަހަރަކަށްް ބަލާނަމަ ގާތްގަނޑަކަށް ހަތަރުހާސް އަށްސަތޭކަ ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރުން ސާޅީސް ފަސް ފޫޓުން ދަށުގެ އުޅަނދުފަހަރުގައި މަހަށް ދާ މީހުންނަށް ތިންހާސް ފަސްސަތޭކަ ރުފިޔާ ލިބެއެވެ. މި ކެޓަގަރީގައި ހިމެނޭ މަސްވެރިން ޕްރިމިއަމްގެ ގޮތުގައި އަހަރަކަށް ހަތަރުހާސް ދުއިސައްތަ ރުފިޔާ ދައްކަންޖެހެއެވެ.