ވިޔަފާރި

ވީއައިއޭގެ ފްލައިޓް މޫވްމަންޓްސްތައް އާދިއްތަދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު މިދިޔަ އާދީއްތަ ދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު މިދިޔަ އާދިއްތަ ދުވަހުވަނީ 227އަށް އަރާފައެވެ.
މީގެތެރޭގައި ހިމެނެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ 69 ފުލައިޓު މޫވްމަންޓާއި، ސީޕްލޭންގެ 158 އެއަރ ޓްރެފިކް މޫވްމަންޓެވެ. އެއަރ ޓްރެފިކް މޫވްމަންޓަކީ، އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދާއި އެއަރޕޯޓުން ފުރާފައިވާ ފްލައިޓުތަކުގެ އަދަދެވެ.

އާދިއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓުތަކުގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެފައިވާއިރު، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީވެސް އެދުވަހުއެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް 1،582 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހުގެ 28ވަނަ ދުވަހާއި ހަމައަށް އައިއިރު މި އަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު 7628 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 21،000 ވުރެ ގިނަ ފަތުުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.