ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ފިއްތުންތައް ބޮޑުވެ، ވާވޭއިން ފޯނު ޗިޕް އުފެއްދުމުގެ ވިޔަފާރިއަށް ނިކުންނަނީ


އެމެރިކާގެ ފިއްތުންތައް ބޮޑުވެ، ޗައިނާގެ ވާވޭއިން ފޯނުގެ ޗިޕް އުފެއްދުމުގެ ވިޔަފާރިއަށް ނިކުންނަން ނިންމައިފިއެވެ.

ވާވޭއިން މީގެ ކުރިން އެ ކުންފުނީގެ ފޯނުތަކަށް ބޭނުންވާ ޗިޕްތައް އުފައްދަމުން ދިޔައީ އެމެރިކާގެ ކުންފުނިތައް މެދުވެރިކޮށެވެ. އެހެންނަމަވެސް، ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ވާދަވެރިކަމުގެ ސަބަބުން އަދި ވާވޭއިން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށް ބުނެ އެމެރިކާއިން ވަނީ ވާވޭއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ.

ވާވޭ ކުންފުނިން ވަނީ އެ ކުންފުނިން ޗިޕް އުފެއްދުމުގެ ވިޔަފާރިއަށް ނިކުމެ ޗިޕް ޕްލާންޓެއް ޤައިމުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އުފެއްދުމަށް ހަމަޖެހިފައިވަނީ 45 ނެނޯ މީޓަރުގެ ޗިޕްތަކެވެ. މީގެ އިތުރުން 2021 ނިމެންވާއިރަށް 28 ނެނޯ މީޓަރުގެ ޗިޕް އަދި 2022 ވަނަ އަހަރު ނިމެންވާއިރަށް ފައިވްޖީ ސަޕޯޓްކުރާ ފޯންތަކަށް ޚާއްސަ 20 ނެނޯ މީޓަރުގެ ޗިޕް އުފެއްދުމަށް ވާވޭއިން ވަނީ އަމާޒު ހިފާފައެވެ.

ވާވޭއަކީ ޗިޕް އުފެއްދުމުގެ ވިޔަފާރިއަށް އައު ކުންފުންޏަކަށްވުމުން މި މަސައްކަތް ފަށާނީ ޝަންހާއިގެ އައިސީއާރް އެންޑީ ސެންޓަރާއި ގުޅިގެން ކަމާގުޅުންހުރި ދިރާސާތައް ކުރުމަށްފަހުކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ވާވޭގެ މި މަސައްކަތުގައި ޗައިނާ ސަރުކާރުން އެހީވާނެކަމަށް އެ ޤައުމުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޯވިޑް ރިލީފް ޕެކޭޖާއި އިތުރު ސްކީމްތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ވާވޭއިން ވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ބުނެފައެވެ. ސްމާޓް ފޯން އުފައްދާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވާވޭ ކުންފުންޏަކީ، މިފަހަކަށް އައިސް މިދާއިރާގައި އެންމެ ބާރަށް ކުރިއަރާ އަަހަަރަކަށްވުރެ އަހަރެއް ފައިދާވާ މިންވަރު އިތުރުކުރަމުންދާ ކުންފުންޏެވެކެވެ.

ވާވޭގެ އާމްދަނީއާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑްގެ ސަބަބުން ކުންފުނީގެ އާމްދަނީއަށް އަސަރުތަކެއް ކުރާކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެހެނިހެން ފަރާތްތަކުން ކުންފުންޏާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި އަދި އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ވެފައިނުވާ ފިޔަވަޅުތަކަކީ ކުންފުންޏަށް މިހާލަތު މެދުވެރިވި ސަބަބުކަމަށެވެ.