ޚަބަރު

ފެހެންދޫ ކުދިންގެ ޑިންގީ ދަތުރު ނިމި، ސްޕީޑް ލޯންޗަށް!


ތަޢުލީމު ޙާސިލްކުރުމަށްޓަކައި ބ.އަތޮޅު ފެހެންދޫ ސްކޫލުގެ ދަރިވަރުން ޑިންގީގައި ގޮއިދުއަށް ކުރި ދަތުރުތައް ނިމުމަކަށް ގެންގޮސްދިނުމަށް ދިވެހި ސަރުކާރުންކުރެއްވި މަސައްކަތާއެކު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ސްޕީޑް ލޯންޗުގެ ދަތުރުތައް ރަސްމީކޮށްފަށައިފިއެވެ.

ފެހެންދޫ ސްކޫލުކުދިން މިއަދާހަމައަށް ދަތުރު ކުރަމުން ގޮސްފައިވަނީ 18 ފޫޓްގެ ކުޑަ ޑިންގީއެއްގައެވެ. އެއީ 2016ވަނަ އަހަރު އަމިއްލަ ފަރާތަކުން ހަދިޔާކުރި ޑިންގީއެކެވެ. ކަނޑު ގަދަވެ މޫސުން ގޯސްވެ ދޭހާ އަތްވެއްގައި ވެހޭހައި ވާރެއެއްގައި މި ދަރިވަރުން ގޮވައިގެން ކުރި 7 މިނެޓުގެ ދަތުރު 3 މިހާރު މިވަނީ ޒަމާނީ ރައްކާތެރި ދަތުރަކަށް ބަދަލުވެފައެވެ. މިހާއު ދަތުރު ދިގުމިންވެސް މިވަނީ 3 މިނެޓަށް އަވަސްވެފައެވެ.

މީ ހަމަ ގައިމުވެސް އެދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅެއްކަމަށް މި ދަރިވަރުންގެ ބެލެނިވެރިންވެސް މީގެ ކުރިން ފާހަގަކުރިއެވެ. ފެހެންދޫ ސްކޫލް ކުދިން ގޮވައިގެން ދަތުރު ކުރަމުން މީގެ ކުރިން ގޮސްފައިވަނީ އެންމެ ރައްކާތެރިގޮތެއްގައެއްނޫނެވެ. އެކަން އަޅުގަނޑުވެސް އެދަރިވަރުންނާއެކު ތަޖުރިބާކުރީމެވެ.

ފެހެންދޫ ސްކޫލް ކުދިން ގޮއިދޫގައި ސްކޫލުގެ ގަޑިތައް ފުރިހަމަކޮށް ނިމުމުން އެއަންނަނީ ބަނދަރަށެވެ. ޑިންގީއަށް އެރުމަށްފަހު ގޮއިދޫން ފެހެންދޫއަށް ދިއުމަށް ދަަރިވަރުންގެ ބެލެނިވެރިންނާއެކު ކުރާ ދަތުރު އެހިސާބުން އެފެށުނީއެވެ. ދަރިވަރުންގޮވައިގެން ދުވާލަކު މިފަދަ 4 ދަތުރު މިޑިންގީގައި ފެހެންދޫ އާ ގޮއިދޫއާ ދެމެދުގައި ކުރެއެވެ.

ވިއްސާހާ ލޮނެއްގައި ވެހޭހައި ވާރޭގައި ތަޢުލީމް ޙާސިލްކުރުމަށް މި ދަރިވަރުންކުރާ މަސައްކަތްތަކަށް ހަމަ އައްސަރިބަހާ ސާބަހެވެ. ފެހެންދުއިން ގޮއިދުއަށް ދެވެނީ ޢާއްމުކޮށް 10 މިނެޓުންނެވެ. ވިއްސާރަވެ ކަނޑުގަދަވިޔަސް ދަރިވަރުންގެ މޫނުމަތިން ނުތަނަސްކަމެއް، މާޔޫސްކަމެއް ފެންނާކަށްނުހުރެއެވެ.

މިއަދު މިވަނީ މިދަތުރުތައް ނިމުމަކަށް އައިސްފައެވެ. އެކަމުގެ އުފާވެރިކަން ބެލެނިވެރިންނާ ދަރިވަރުންގެ މޫނުމަތިން ފެނިގެންދިޔައެވެ. 10 މިނެޓުންކުރާ ދަތުރު 3 މިނެޓަށް ބަދަލުވީއެވެ.

"ގޮއިދޫން ފެހެންދުއަށް ދާން ދެން ނަގާނީ މަދު ވަގުތުކޮޅެއް. ދަތުރު ކުރުވީ އެކަމަކު ހަރަދައްބަލައިފިނަމަ ބޮޑުވާނެ، އެކަމަކު ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ޔަޤީންވުމުން އެކަމާ އުފާކުރަން. މި ލޯންޗް ދުވާލަކު ފެހެންދޫއާ ގޮއިދޫ އާ ދޭތެރޭގައި ކުރާނީ 2 ދަތުރު އެއީ ކުދިން ބަލާ ދިއުމާ ނިމުމުން އެކުދިން ރަށަށް ގެންގޮސްދިނުން" ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވިއެވެ.

މިލޯންޗް ހަދިޔާކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ދަތުރުތައް ނުފެށި ލަސްވެގެން ދިޔައީ ފެހެންދޫއަށް ވަދެ ނުކުމެވޭނެ ގޮތެއް ނެތުމުންނެވެ. އެކަން މިހާރުވަނީ ފެހެންދޫ ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޓިީސީސީގެ އެހީތެރިކަމާއެކު ހައްލުކޮށްފައެވެ.

ކުޑަކުޑަ އާބާދީއެއް އޮންނަ ފެހެންދޫ ސްކޫލް ބަނދުކުރީ 2008ވަނަ އަހަރުއެވެ. ސްކޫލް ބަނދުކުރުމާ ގުޅިގެން އެރަށު ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުންތައް އެކި ސްކޫލް ތަކަށް ބަދަލުވިއެވެ. ބަދަލުނުވި ދަރިވަރުންތައް ތައުލީމް ހާސިލް ކުރަމުންދިޔައީ ގޮއިދޫ ސްކޫލްގައެވެ. މިއަހަރު ގޮއިދޫ ސްކޫލްގައި ފެހެންދޫގެ 30 ދަރިވަރަކު ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެހެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ފެހެންދޫ ދަރިވަރުން ދަތުރު ކުރުމަށް ބޮޑު ލޯންޗެއް ހޯއްދަވައިދެއްވުމާއި ފެހެންދުއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަ ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި އެކަން ވަނީ ހިމަނުއްވާފައެވެ. އެހެން ނަމަވެސް ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެކަންވަނީ ހުއްޓުމަކަށްއައިސްފައެވެ.

މިމައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފެށްޓެވި މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ބަނދެފައިވާ ސްޓޫޑެންޓް ފެރީއަކީ އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ބަންދެފައިވާ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.